ކްރިމިނަލް ކޯޓަށް ވަޑައިގަންނަވާ ގާނޫނީ ވަކީލުންނަށް މޮބައިލް ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި ކޯޓް ރޫމަށް ވެއްދޭނެ ގޮތް ހަމަޖައްސައިފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑް-19އާ ގުޅިގެން ޝަރީއަތްތަކުގައި ކަރުދާސް ބޭނުންކުރުން މަދުކޮށް، ލިޔުންތަކުގައި ޑިޖިޓަލް ކޮޕީ ބޭނުން ކުރުމުގެ ފުރުސަތު ވަކީލުންނަށް ދިނުމަށް ގާޒީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން އަޑުއެހުންތައް ތާވަލު ކުރުން ފަސޭހަ ކުރުމުގެ ގޮތުން އެ ކޯޓުގެ ޝަރީއަތުގެ މަޖިލިސްތަކަށް ލެޕްޓޮޕާއި ފޯނު އަދި ޓެބްލެޓު ފަދަ ތަކެތި ވައްދަން ހުއްދަ ދޭން ވެސް އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ.

އަޑުއެހުންތަކުގެ ތާވަލު ހަމަޖައްސަން ވަކީލުންނާ މަޝްވަރާ ކުރާ އިރު ފޯނާއި ލެޕްޓޮޕް ފަދަ ވަސީލަތްތައް ނުވެއްދޭތީ ތާވަލު ބަލަން ވަކީލުންނަށް ދަތިވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުން ބުނީ ތާވަލު ބަލަން ވަކީލުންނަށް ފުރުސަތު ދޭން އަޑުއެހުން މެދުކަނޑާލަން ޖެހި ކޯޓުގެ ވަގުތުތައް ގެއްލޭ ކަމަށެވެ. ލެޕްޓޮޕާއި ފޯނާއި ޓެބްލެޓު ފަދަ ތަކެތި ވައްދަން ހުއްދަ ދިނީ އެކަން ހައްލު ކުރުމަށް ކަމަށް އެ ކޯޓުން ބުންޏެވެ.

ލެޕްޓޮޕާއި ފޯނާއި ޓެބްލެޓް ފަދަ ތަކެތި ކޯޓު ރޫމަށް ވެއްދުމުގެ ފުރުސަތު ދިން ނަމަވެސް އެ ތަކެތިން އޯޑިއޯ ރެކޯޑު ކުރުމާއި ވީޑިއޯ އަދި ފޮޓޯ ނެގުން މަނާ ވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ ފިޔަވަޅު އެޅުމުގެ އިހްތިޔާރު ގާޒީންނަށް ލިބިގެންވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.