ބޮލީވުޑް ސުޕަ ސްޓާރު ސަލްމާން ޚާން އަދި މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާ "ޓައިގާ 3" ރިލީޒްކުރާ ތާރީޚު ފަސްކޮށްފި އެވެ.

ސަލްމާން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދާ ދިމާކޮށް ނެރުމަށް ނިންމާފައިވާ "ޓައިގާ 3" މިހާރު ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ދިވާލީއާ ދިމާކޮށް ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. މި ފިލްމުގެ އާ ޕޯސްޓަރު ވެސް ސަލްމާން ވަނީ ޓުވީޓާގައި ހިއްސާ ކޮށްފަ އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށްފައިވާ "ޓައިގާ 3" ފަސްކުރި އިރު، މީގެ ޝޫޓިން އޮތީ މިދިޔަ އަހަރު ނިންމައިފަ އެވެ.

ފިލްމު ޑައިރެކްޓްކޮށްފައި ވަނީ "ބޭންޑް ބާޖާ ބާރާތު" އާއި "ފޭން" ގެނެސްދިން މަނީޝް ޝަރުމާ އެވެ. އެ ފިލްމު ނެރޭނީ ހިންދީ، ތަމަޅަ އަދި ތެލޫގޫ ބަހުންނެވެ.

ޓައިގާ ތިނަކީ 2012 ވަނަ އަހަރު ނެރުނު އޭކް ތާ ޓައިގާގެ ބައެކެވެ. އެންމެ ފުރަތަމަ ބައި ޑައިރެކްޓްކުރީ ބަބީރު ހާން އެވެ. އޭގެ ފަހުން 2017 ގައި ޓައިގާ ޒިންދާހޭ ނެރުނުއިރު އެ ފިލްމު ޑައިރެކްޓްކުރީ އަލީ އައްބާސް ޒަފަރެވެ. މި ފިލްމުގެ ތިން ބައިން ވެސް ފެންނަނީ ސަލްމާން އާއި ކެޓްރީނާ އެވެ.

https://www.youtube.com/watch?v=Jw3UyeMmOdw

ސަލްމާންގެ "ޓައިގާ 3" ފަސްކުރި އިރު، އޭނަ ދެން އެންމެ އަވަހަށް ފެންނާނީ ޑިސެމްބަރު 30 އަށް ތާވަލުކޮށްފައި އޮތް "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އިންނެވެ.