ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ބައެއް އަތޮޅުތަކުން ރަށްރަށާއި ފަޅުތައް ދޫކުރާ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ ރޭޓްތަކަށް ބަދަލުގެނެސްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މި އިސްލާހާއެކު ކޮންސެޝަން ރޭޓްތައް ހަމަޖައްސާފައިވަނީ ހއ، ހދ، ށ، ތ، ލ އަދި އައްޑު އަތޮޅުގެ ރަށްރަށަށް އެކަނި ކަމަށެވެ. އަދި މި ލުއިތައް ދެމިއޮންނާނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އަލަށް ކަނޑައެޅުނު އުސޫލުގެ ދަށުން، ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާނީ ބޭސް ރޭޓާއި، ހެކްޓަރަކަށް ޖެހޭ ރޭޓް ބިމުގެ ބޮޑުމިނާ ގުނަކުރުމުން ނުކުންނަ އަދަދާއި، ސައިޒް ޕްރީމިއަމް އެއްކޮށްގެންނެވެ.
މީގެ ތެރެއިން 20 އިން 40 ހެކްޓަރާ ދެމެދުގެ ބިންތަކުން ސައިޒް ޕްރީމިއަމް ނުނަގާއިރު، 41 ހެކްޓަރަށްވުރެ ބޮޑެތި ބިންތަކަށް ސައިޒް ޕްރީމިއަމްގެ ގޮތުގައި 500,000 އެމެރިކާ ޑޮލަރު ދައްކަންޖެހެ އެވެ.
ވަކިވަކި އަތޮޅުތަކަށް ކަނޑައަޅާފައިވާ ރޭޓްތަކަށް ބަލާއިރު، ހއ، ހދ، ށ، ތ އަދި ސ އަތޮޅުގެ ރަށްރަށާއި ބިންތަކަށް ބޭސް ރޭޓަކީ 400,000 އެމެރިކާ ޑޮލަރެވެ. އަދި މި އަތޮޅުތަކުގެ ބިންތަކަށް ހެކްޓަރަކަށް ޖެހޭ ރޭޓަކީ 35,000 އެމެރިކާ ޑޮލަރެވެ.
ލ. އަތޮޅުގެ ރަށްރަށާއި ބިންތަކަށް ބޭސް ރޭޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 700,000 އެމެރިކާ ޑޮލަރެވެ. އަދި ލ. އަތޮޅުން ދޫކުރާ ބިންތަކަށް ހެކްޓަރަކަށް ޖެހޭ ރޭޓަކީ 60,000 އެމެރިކާ ޑޮލަރެވެ.
އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަށްރަށުގެ ބިމުގެ ބޮޑުމިން ބަލާނީ މީން ޓައިޑް ލައިން އެތެރޭގައި ހިމެނޭ ސަރަހައްދު ސާވޭކޮށްގެންނެވެ. މީގެއިތުރުން، ފަޅު ހިއްކުމުގެ ހުއްދަ ދެވޭނީ ހިއްކާ ސަރަހައްދަށް ދައްކަންޖެހޭ އެކުއިޒިޝަން އަގު ދެއްކުމުންނެވެ.
ފަޅު ހިއްކާ ސަރަހައްދުގެ އެކުއިޒިޝަން ކޮސްޓް ހިސާބުކުރާނީ އެ އަތޮޅަކަށް ކަނޑައަޅާފައިވާ ހެކްޓަރެއްގެ ރޭޓާއި، ހިއްކަން ހުށަހަޅާ ސަރަހައްދުގެ ބޮޑުމިން ގުނަކުރުމަށްފަހު، އެ އަދަދުގެ 70 އިންސައްތަ ނަގައިގެންނެވެ.
މި އިސްލާހުތަކަކީ ފަތުރުވެރިކަން މަޑުޖެހިފައިވާ އަތޮޅުތަކަށް އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، އެ ސަރަޙައްދުތަކުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ސަރުކާރުން ދޭ ހާއްސަ އިސްކަމުގެ ދަށުން ގެނެވުނު ބަދަލުތަކެކެވެ.
ފައިސާ ނުދައްކާނަމަ ބޭންކިން ހިދުމަތް މެދުކަނޑާލަނީ
ޕީއެންސީ މެންބަރުންނަށް ފައިސާ ދިނުމަކީ ކޮރަޕްޝަނެއް ނޫން: އޭސީސީ
މަޝްރޫއުތައް ލަސްވަނީ ހަނގުރާމައިގެ ސަބަބުން: ޒަރީރު
