މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މި މަހުގެ 28 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ޒިމްބާބުވޭއަށް ނިސްބަތްވެވަޑައިގަންނަވާ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވާ ހުކުރު ދުވަހު އެވެ. މިއީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި މަހު 28-31 އަށް މެންކް ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި މާލެ އާއި ހުޅުމާލެ އާއި ފުވައްމުލަކުގައި ދީނީ ދަރުސްތައް ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި އޮކްޓޯބަރު 28 ގައި އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދުކުރައްވާނީ ވެސް މެންކް އެވެ.

މެންކް ޖެނުއަރީ 2020 ގައި ރާއްޖެ ވަޑައިގެންނެވި އިރު ވެސް އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވި އެވެ. އެފަހަރު އޭނާގެ ހުތުބާ ހާއްސަކުރެއްވީ ހަލާލު ގޮތުގައި މުދަލާއި އާމްދަނީ ހޯދުމުގެ މައްޗަށެވެ. އަދި އެ ޒިޔާރަތުގައި މެންކް ވަނީ މާލެ އާއި އައްޑު އާއި ހދ. ކުޅުދުއްފުށީގައި ދަރުސްތައް ދެއްވައިފަ އެވެ.

މެންކް ރާއްޖެއަށް ކުރިން ކުރެއްވި ޒިޔާރަތެކޭ އެއްގޮތަށް މިފަހަރުގެ ދަތުރުގެ ހަރަކާތްތަކަށް ވެސް ގިނަ ބައެއްގެ ޝައުގުވެރިކަން އަންނަނީ ލިބެމުންނެވެ.