ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވަރުން ދަވަން އާއި އެކްޓަރެސް ކްރިތީ ސެނޮން ލީޑް ރޯލުން ފެންނަ ބިރުވެރި ފިލްމު "ބޭދިޔާ"ގެ ޓީޒާ ނެރެފައިވާއިރު ބޮޑު ތަރުހީބެއް ޓްރައިލާ އަށް އަންނަނީ ލިބެމުންނެވެ. އަދި ޓްރެއިލާއާއެކު މިފިލްމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
މި ފިލްމަކީ ވަރަށް ޝައުގުވެރި ފިލްމަކަށްވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ފިލްމުގެ ޕްލޮޓް އާންމުކޮށް ބޮލީވުޑްގައި ހަދާ ފިލްމުތަކުގެ ޕްލޮޓްތަކާ ވަރަށް ބޮޑުތަނުން ތަފާތުވާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.
ފިލްމުގެ ޓްރެއިލާ ދައްކާލާނީ ވަރުންގެ ފިލްމީ ހަޔާތަށް 10 އަހަރު ފުރޭ ދުވަހާއި ދިމާކޮށެވެ. އޭނާ ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރުގެ ފިލްމު "ސްޓޫޑެންޓު އޮފް ދަ އިޔާ" އިންނެވެ.
ވީއެފްއެކްސް ގިނަ އަދަދަކަށް ހިމެނޭ މި ފިލްމުގައި ވަރުންގެ ކެރެކްޓާ އަކީ ވަރަށް ތަފާތު ކެރެކްޓާއެކެވެ. އާންމުންކޮށް މަޖާ އަދި ލޯބީގެ ރޯލުތައް ކުޅޭ ވަރުން މި ފިލްމުގައި "ވުލްފް" އެއްގެ ގޮތުގައި ވެސް ފެނިގެންދާނެ އެވެ.
އަންނަ ނޮވެމްބަރު މަހުގެ 25 އަށް ތާވަލުކޮށްފައިވާ "ބޭދިޔާ" އަކީ 2018 ގެ ކާމިޔާބު ހޮރޯ-ކޮމެޑީ "އިސްތިރީ" ގެނެސްދިން ޑައިރެކްޓަރު އަމަރް ކޯޝިކް ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. .
ވަރުން ދެން އެންމެ އަވަހަށް ފެންނާނީ އެކީސް އާއި ސާޖިދު ނާދިއަދުވާލާގެ "ސަންކީ" އިންނެވެ. އަދި ރުސޯ ބްރަދާސްގެ ގްލޯބަލް ވެބް ސީރީޒް، "ސިޓަޑެލް" އަކީވެސް ވަރުންގެ ކުރިއަށްއޮތް މަސައްކަތެކެވެ. މިއީ ރާޖް އެންޑް ޑީކޭ ޑައިރެކްޓުކޮށް އެމެޒޯން ޕްރައިމް ވީޑިއޯ އިން ދައްކަން ހަމަޖެހިފައިވާ ސީރީޒް އެކެވެ.
ކްރިތީގެ ކުރިއަށް އޮތް ފިލްމު "އަދިޕުރޫޝް" ގެ ފުރަތަމަ ލުކްވެސް ވަނީ ދައްކާލާފަ އެވެ. ކްރިތީގެ އިތުރުން ޕްރަބާސް އާއި ސައިފް އަލީ ޚާން ވެސް މި ފިލްމުގެ ލީޑް ރޯލުން ފެންނާނެ އެވެ.