ޗާގޮސް ނުވަތަ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ބައެއް ކަމަށާއި، އެއީ ރާއްޖޭގެ ސަރަހައްދުން އިސްތިއުމާރު ކުރެވިފައިވާ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ބޮންޑެ ކުރެއްވި ޓުވީޓެއްގައި ވަނީ މޮރިޝަސްއަށް އެ އަތޮޅުތައް ދޫކޮށްލެވޭނީ ދިވެހިންގެ ބަހެއް ހޯދުމަށްފަހު ކަމަށެވެ.

އިނގިރޭސިވިލާތާއި މޮރިޝަސްގެ މެދުގައި އުފެދިފައިވާ ޗާގޮސްގެ މިލްކުވެރިކަމުގެ ދެބަސްވުމުގައި މޮރިޝަސްއަށް ތާއީދުކުރަން ދިވެހި ސަރުކާރުން ނިންމުމާ ގުޅިގެން ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގައި ބޮންޑެ ވިދާޅުވީ ޗާގޮސް ޑީކޮނަލައިޒޭޝަން މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިނުމަކީ ފޯޅަވައްސަކީ ރާއްޖޭގެ ސަރަހައްދުން އިސްތިއުމާކުރެވިފައިވާ އަތޮޅުތަކެއް ނޫން ކަމަށް އެއްބަސްވުން ކަމަށެވެ. އަދި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން މޮރިޝަސްއާ އެއްކޮޅަށް ފޯޅަވަހީގެ މައްޗަށް އެ ގައުމުގެ ސިޔާދަތީ ބާރު އޮންނާނެ ކަމަށް ނިންމި ނިންމުމަށް ދިވެހި ސަރުކާރުން ތާއީދުކޮށްގެން ނުވާނެ ކަމަށާއި، ފޯޅަވައްސަކީ ދިވެހިރާއްޖޭގެ އަތޮޅެއް ނޫން ކަމަށް އެއްބަސްވެ، އެ އަތޮޅުތައް ދޫކޮށްލެވޭނީ ދިވެހިންގެ ރުހުން ހޯދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޮންޑެ އިތުރަށް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފޯޅަވައްސަކީ ދިވެހިންގެ ހައްގެއް ކަމަށެވެ.

ސަރުކާރުން މީގެ ކުރިން ޗާގޯސްއާއި ގުޅިގެން ގެންގުޅެމުންއައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކޮށް މޮރިޝަސްއަށް ވޯޓުދޭން ނިންމުމާ ގުޅިގެން ގިނަ ބަޔަކު ދަނީ މިކަމުގެ މައުލޫމާތު ހާމަކުރުމަށް ގޮވާލަމުންނެވެ.