ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިއަދު ނިޔާވި މީހާގެ މަރުގައި އިހުމާލެއް އޮތްތޯ ބަލަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މައްސަލަ ފުލުހުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކަށް ހުށައަޅާއިގެން ޕްރޮފެޝަނަލް މިންގަނޑުން ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަން ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަން ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ފުލުހުން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެނައި މީހަކު މެއަށް ތަދެއް އަރައިގެން އޭނާގެ ކިބައިން ސިޒާގެ އަލާމަތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔައިރު މަރުވެފައިވާ ކަމަށް ފުލުހުން މިރޭ ބުންޏެވެ. އަދި ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުންޏެވެ.
އެ ހާދިސާގައި މަރުވީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ އަދި މަރުގެ ސަބަބު ދެނެގަތުމަށް މަސައްކަތްކުރަމުންދާއިރު މި ހާދިސާގެ މަޢުލޫމާތު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި ހިއްސާކޮށް، އެ ޙާދިސާ ތަހުގީގުކޮށް ދިނުމަށް އެދިފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.