ހުޅުމާލޭގައި ހަދާ ސަރުކާރުގެ އޮފީސް އިމާރާތުގެ މަސައްކަތް ނިންމައި އަންނަ ޑިސެމްބަރު މަހު ބޭނުންކުރަން ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ އެ އިމާރާތް ހެދުމަށް މި ސަރުކާރުން ނިންމީ ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށް އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން އުޅެންޖެހިފައިވާތީ، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ވަނަ އަހަރު ނިންމެވި ނިންމުމުގެ މަތީން ކަމަށެވެ.
މިގޮތުން މާލޭގައި އިމާރާތް އަޅާނެ ބިމުގެ ދަތިކަން ހުރުމުން ސަރުކާރުން ނިންމެވީ އޮފީސް އިމާރާތް ހުޅުމާލޭގައި އެޅުމަށް ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. އަދި، 2019 ވަނަ އަހަރު ޑިސެމްބަރުގައި ބިޑް ކާމިޔާބުވި ފަރާތަށް މަސައްކަތް އެވޯޑްކޮށް 2020 ވަނަ އަހަރުގެ ފެބްރުއަރީގައި އިމާރަތް ކުރުމުގެ މަސައްކަތް ފެށި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
"އެހެންނަމަވެސް ކޮވިޑުގެ ހާލަތާ ދިމާވުމާ ގުޅިގެން އިމާރާތުގެ މަސައްކަތް ލަސްވެގެންދިޔަ. ދިމާވި ދަތިތަކަށްފަހު، މި އަހަރުގެ ނޮވެމްބަރުމަހު މަސައްކަތް ނިމި އިމާރާތުގައި މަސަތްކަތް ކުރަން ކަނޑައެޅުނު އޮފީސްތަކަށް މި ޑިސެމްބަރުމަހު މި އިމާރަތް ބޭނުންކުރަން ފަށާނެ،" ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
އެ އިމާރާތުގެ ފަންގިފިލާތައް ބެހިގެން ވަނީ:
- ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ - ޕާކިން އޭރިއާ
- ދެވަނަ ފަންގިފިލާ - މިނިސްޓްރީ އޮފް ޖެންޑަ ފެމިލީ އެންޑް ސޯޝަލް ސާވިސަސް
- ތިންވަނަ ފަންގިފިލާ – މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
- ހަތަރުވަނަ ފަންގިފިލާ – އެމެރިކަން އެމްބަސީ
- ފަސްވަނަ ފަންގިފިލާ – މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން
- ހަވަނަ ފަންގިފިލާ – ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމްއެއް އަދި ޓެރަސްއެއް
ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި ހުންނަ މި އޮފީސް އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނަކީ 25000 އަކަފޫޓެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ސަރުކާރުގެ އޮފީސް އިމާރާތުގެ ދަތިކަން ތަހައްމަލް ކުރަން ފެށީ ހުރަވީ ބިލްޑިން ބޭނުން ނުކުރެވި، އެ އިމާރާތް ތަންތަން ހަލާކުވެ، އެ ތަނަކީ ބޭނުންކުރުމަށް ރައްކާތެރި ތަނެއް ނޫން ކަމަށް އިންޖިނިއަރުން ލަފާދީފައިވާތީ އެތަނުގައި ހުރި އޮފީސްތައް ހުސްކުރަން ޖެހުމުން ކަމަށެވެ. މިގޮތުން، މިއަހަރު ހުރަވީ ބިލްޑިން ވަނީ ތާޅާލާފަ އެވެ.
"ތަޅާލީއިރު އެ އިމާރާތުގެ ސްޓީލް ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނެތުމުން ސަރުކާރުން ނިންމަވާފައި ވަނީ އޮފީސްތަކުގެ ފައިލްތަށް ދިގު މުއްދަތަކަށް ރައްކާކުރުމަށްޓަކައި އެ ކަމަށް ޖާގަ ބޭނުންވާތީ، މި ސްޓީލް ސްޓްރަކްޗާ ބޭނުންކޮށްގެން މާލެއާ ކައިރި ރަށެއްގައި ނުވަތަ ވައިގެމަގުން ދެވޭނެ ރަށެއްގައި ފައިލް ރަށްކާކުރުމުގެ އިމާރާތެއް އެޅުމަށް،" ޕްލޭނިން މިނިސްޓްރީން ބުންޏެވެ.