ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ ހަށިގަނޑު އާއިލާއާއި ހަވާލުކޮށް ދިނުމަށްކަަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.
އަބްދުﷲ ރަޝީދު މަރުވިތާ ދެ ދުވަސް ވެފައިވާއިރު، އާއިލާއަށް އޭނާގެ މޫނު ނުދައްކާތީ މޯޗަރީ ކައިރިއަށް އެއްވެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ގަލޮޅު މޯޗަރީ ކުރިމަތީގައި އަބްދުﷲ ރަޝީދުގެ އާއިލާއިން މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން އޭނާގެ މަންމަ މަރިޔަމް އަހުމަދު ކިޔައިދިން ގޮތުގައި މިދިޔަ އަންގާރަ ދުވަހު ހަތަރު ގަޑި އިރެއްހާއިރު ވަންދެން އޭނާ އުޅޭ ގެ ބަލައި ފާސްކުރަން ފުލުހުން ހަރަކާތްތެރިވި އެވެ. އަދި އެތަނުން އޭނާ ނެރެގެން ގެންގޮސް ފުލުހުންގެ ލޯންޗަށް އެރުވި އިރު ވެސް އޭނާ މޭގައި ރިއްސާތީ އެ ވާހަކަ ބުނަމުން ދިޔަ ކަމަށާއި ނަމަވެސް ސިއްހީ އެއްވެސް ފަރުވާއެއް ނުދީ އަދި ރަށުގެ ސިއްހީ މަރުކަޒުން ޑޮކްޓަރަކު ގެނެސް ފަރުވާދޭން އެތަނުގެ މެނޭޖަރު ހުށަހެޅުމުން ފުލުހުން އެކަމަށް ވެސް އިންކާރުކޮށް ދެ ގަޑިއިރެއްހާއިރު އެގޮތުގައި އޭނާ ބޭއްވި ކަމަށް އަބްދުﷲ ރަޝީދުގެ މަންމަ ބުންޏެވެ.
"އޭނާ މަރުވީމާ ގޮވައިގެން ގޮސް މަޑަވެއްޔަށް ނަގާ އެއްލާލާފައި އެ މީހުން ރައްކާވީ. ދެން ވެސް އަޅުގަނޑުމެންނަށް ނާންގައި ހުއްޓައި މަޑަވެލިން މީހަކު ގުޅާފަ ބުނީ ކަލޭގެ ދަރި މަރުވެއްޖެއޭ،" ރަޝީދުގެ މަންމަ މަރިޔަމް ބުންޏެވެ.
އަބްދުﷲ ރަޝީދުގެ އަންހެނުން އާމިނަތު ލީނާ ބުނީ ހަށިގަނޑު މާލެ ގެނައީ އާއިލާއާ ހަވާލުކުރަން ކަމަށް ކުރިން ބެލެވުނަސް، އެކަމަށް އަދިވެސް ފުލުހުން ދެކޮޅު ހަދާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހަދަން ބޭނުންނުވާ ކަމަށް އާއިލާއިން ތަކުރާރުކޮށް ބުނެފައި ވަނިކޮށް، ފުލުހުންނަށް އަމިއްލައަށް އެކަން ނުކުރެވޭނެ ކަމަށާއި އެހެންވެ، ހަށިގަނޑު އާއިލާއާ ހަވާލުކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
"އެ މީހުން ކުރާ ތަހުގީގެއް ކުރަން އަޅުގަނޑުމެން ހުރަހެއް ނާޅަން ދެއްތޯ. އަޅުގަނޑުމެން ބުނީ އަޅުގަނޑުމެންނާ އެއްވެސް އެއްޗެއް ހިއްސާ ނުކޮށް، އެއްވެސް އެވިޑެންސެއް ހިއްސާ ނުކޮށް، އަނދިރީގައި ބައިތިއްބާފައި ޕޯސްޓްމޯޓަމް ނުހެދޭނެއޭ. އަހަރުމެންގެ ހައްގެއް ވެސް އެބައޮތޭ،" އަބްދުﷲ ރަޝީދުގެ އަންހެނުން ލީނާ ބުންޏެވެ.
ދަރިފުޅު ހައްޔަރުކޮށްގެން ފުލުހުން ގެންދިޔައީ މަންމަ އާއި ބައްދަލު ކޮށްލަން ފުރުސަތު ވެސް ނުދީ ކަމަށާއި ހައްޔަރުކޮށްގެން ގެންގޮސް ލޯންޗަށް އެރުވީ ވެސް މަންމަ ރޮއެ ރޮއެ އޮއްވާ މޫނު ވެސް ދައްކައި ނުލާ ކަމަށް ބުންޏެވެ.
މަރިޔަމް ބުނީ ދަރިފުޅުގެ މަރާއި ގުޅިގެން މައްސަލައެއް ޖައްސަން ވެސް ބޭނުން ނުވާ ކަމަށާއި މައްސަލައެއް ޖައްސައިގެން ވާނެ ފައިދާއެއް ވެސް ނުފެންނަ ކަމަށެވެ. އެހެންވެ، މުޅި އާއިލާއިން ވެސް ބޭނުން ވަނީ އަބްދުﷲގެ ފުރާނަ ނެތް މަސްގަނޑު އަވަހަށް ކަފުންކޮށް ވަޅުލާން ކަމަށް ވެސް ޢަބްދުﷲގެ މަންމަ ބުންޏެވެ.