ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އޭނާގެ ދަރިފުޅު ތައިމޫރު އާއެކު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.
ތައުމޫރަކީ ސައިފް އާއި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުގެ ދޮށީ ދަރިފުޅެވެ.
ސައިފް ތައިމޫރާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައިވާއިރު މިމަހުގެ ކުރީ ކޮޅު ކަރީނާ ވަނީ ހަގު ދަރިފުޅު ޖޭ ގޮވައިގެން ލަންޑަނަށް ފިލްމު ޝޫޓިނަކަށް ގޮސްފަ އެވެ.
ދެބަފައިންގެ މި ޗުއްޓީ ދަތުރުގެ ފޮޓޯތަކެއް ތައުމޫރުގެ އިންސްޓަގްރާމް އެކައުންޓްތަކެއްގައި ވެސް އާންމުކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ފޮޓޯގައި ފެންނަނީ ހަ އަހަރުގެ ތައިމޫރު ޕިއްޒާއެއް ފިހަން މަސައްކަތްކުރާ އިރު، ސައިފް އިރުޝާދު ދޭން ކައިރީގައި ހުންނަ ތަނެވެ.
ގާތްގަނޑަކަށް ހަފްތާއެއް ދުވަހު މި ދެބެއިން ރާއްޖޭގައި ހޭދަކުރާނެ ކަމަށްވެ އެވެ. އެކަމަކު އެމީހުން ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ވެސް ނޭނގެ އެވެ.
ސައިފާއި އަންހެނުން މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ތައިމޫރާ އެކީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
ދަރިން ލިބުނު ފަހުން ކަރީނާ އާއި ސައިފް މަސައްކަތްކުރަނީ ދެ މީހުންނަށް އާއިލީ ޒިންމާތައް ވަރަށް ބޮޑަށް ބަހާލައިގެންނެވެ. އެކަކުގެ ފިލްމުގެ މަސައްކަތް ނިމުމުން ނޫނީ އަނެކަކު ފިލްމަކަށް ސޮއިނުކުރަނީ އަބަދުވެސް ކޮންމެވެސް އެކަކު ދަރިން ބަލަން ގޭގައި މަޑުކުރަން ބޭނުންވާތީ ކަމަށް ކަރީނާ ބުނެފައިވެ އެވެ.
ތައިމޫރާއި ޖޭ އިތުރުން ސައިފްގެ އިތުރު ދެ ކުދިން ތިބެ އެވެ. އެއީ ބަތަލާ ސާރާ އަލީ ހާން އާއި އިބްރާހިމް އަލީ ޚާނެވެ.