މާލެއިން ހިދުމަތް ހޯދަން ރަށްރަށުން އަންނަ މީހުންނަށް މާލެ ސަރަހައްދުގެ ގެސްޓު ހައުސްތަކުގައި ތިބެވޭނެ ކަމަށް ނިންމައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުސޫލެއް ނެރެފި އެވެ.

އެ އުސޫލަކީ ކޮވިޑާ ގުޅިގެން މާލޭގެ ގެސްޓު ހައުސްތައް ބަންދުކުރުމަށްފަހު މާދަމާ ހުޅުވާއިރު، ގެސްޓު ހައުސްތަކުން އަމަލުކުރަން ޖެހޭ ކަންތައްތައް ބަޔާންކުރާ އުސޫލެކެވެ.

މާލެއިން ރަށްރަށަށް ދާ މީހުންނަށް ވެސް ގޭގައި ކަރަންޓީނުވެވެން ނެތް ނަމަ ގެސްޓް ހައުސްތަކުގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރެވެ އެވެ. މިއަދު ނެރުނު އުސޫލުގައި ވަނީ މާލެއަށް އެކި ހިދުމަތްތައް ހޯދަން އަންނަ އަތޮޅުތަކުގެ މީހުންނަށްވެސް މާލޭގެ ގެސްޓު ހައުސްތަކުގައި ތިބެވޭނެ ކަމަށް ކަނޑައަޅާފަ އެވެ.

ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށްވެސް މާލޭގެ ގެސްޓު ހައުސްތަކުގައި ތިބެވޭނެ ކަމަށް ވެސް އެ އުސޫލުގައި ވެ އެވެ.

ކޮންމެ ގެސްޓު ހައުސްއެއްގައި އައިސޮލޭޝަންއަށް ޚާއްސަ ކޮޓަރިތަކެއް ގާއިމް ކުރަންޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ކޮންމެ ގެސްޓްހައުސްއަކުން ވެސް ކޮވިޑާ ގުޅޭ ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމް ކުރުން ލާޒިމް ވެ އެވެ.

އެ އުސޫލުގައިވާ ގޮތުން ގެސްޓު ހައުސްގެ މުވައްޒަފުންނަށް ޚާއްސަ މަސައްކަތު ޔުނިފޯމު ބަދަލުކޮށް، ގެއަށް ދިޔުމުގެ ކުރިން ފެންވެރުމުގެ އިންތިޒާމު ގެސްޓްހައުސްގައި ހަމަޖައްސަންޖެހޭނެ ކަމަށެވެ. އަދި ހުރިހާ މުވައްޒަފުން ވެސް ޓްރެސް އެކީ އެޕް ބޭނުންކުރުމަކީ ލާޒިމް ކަމެއް ކަމަށް ވެސް އެ އުސޫލުގައި ވެ އެވެ.

ޕީޕީއީވެސް އެކަށީގެންވާ މިންވަރަކަށް ގެސްޓު ހައުސްތަކުގައި ހުންނަން ޖެހޭ ކަމަށް އެ އުސޫލުގައި ވެ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންގައިދޭ ނިޝާންތަކާއި ޕޯސްޓަރުތައް ގެސްޓްހައުސްގައި ފެންނަ ގޮތަށް ބެހެއްޓުމަކީ ވެސް އެ އުސޫލު ލާޒިމް ކުރާ ކަމެކެވެ.

އެ އުސޫލުގައިވާ ގޮތުން ހުރިހާ މުވައްޒަފުންނަށް ކޮވިޑްގެ މައުލޫމާތު ދީ މި ހާލަތުގައި މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދު ދިނުމަކީ ގެސްޓް ހައުސްގެ މެނޭޖްމަންޓުގެ މައްޗަށް ލާޒިމް ކަމެކެވެ.