އެމެރިކާގައި ދިރިއުޅޭތާ ތިން އަހަރު ފަހު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އެނބުރި އުފަން ގައުމު، އިންޑިއާއަށް ހިނގައްޖެ އެވެ.

ޕްރިޔަންކާ ދިރިއުޅުން އެމެރިކާއަށް ބަދަލުކުރީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާ ކައިވެނިކޮށްގެންނެވެ. ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރީ 2018 ވަނަ އަހަރު އިންޑިއާގަ އެވެ.

ތިން އަހަރު ފަހު އެނބުރި ޕްރިޔަންކާ އިންޑިއާއަށް ދަނީ އޭނާގެ ދަރިފުޅު މާލްތީ މާރީ ޖޯނަސް ޗޯޕްޅާއެކު އެވެ.

ނިކް އާއި ޕްރިޔަންކާއަށް ސަރޮގޭޓް ކޮށްގެން ކުއްޖަކު ލިބިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ދަތުރުގެ ބޯޑިން ޕާސް ޕޯސްޓްކޮށް ބުނީ ތިން އަހަރު ފަހުން ގައުމަށް ދެވޭތީ އުފާވާ ކަމަށެވެ.

ޕްރިޔަންކާ އިންސްޓަގްރާމް ސްޓޯރީ

ޕްރިޔަންކާ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އިންޑިއާ އަށް ދާ އިރު، އޭނަ އެންމެ ފަހުން އިންޑިއާގައި އުޅުނީ 2019 ގަ އެވެ. އެއީ އެ އަހަރު ރިލީޒްކުރި އަދި އެންމެ ފަހުން ކުޅުނު ބޮލީވުޑް ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ މަސައްކަތުގަ އެވެ. ޕްރިޔަންކާގެ އަތުގައި މިހާރު ވެސް ބޮލީވުޑްގެ ފިލްމެއް އެބައޮތެވެ.

އެއީ "ދަ ސްކައި އިޒް ޕިންކް" ގެ ބަތަލު ފަރުހާން އަޚްތަރުގެ "ޖީ ލޭ ޒަރާ" އެވެ. އަންނަ އަހަރު ޝޫޓިން ފަށަން ހަމަޖެހިފައިވާ އެ ފިލްމުގެ ކާސްޓްގައި އާލިއާ ބަޓާއި ކެޓްރީނާ ކައިފް ވެސް ހިމެނެ އެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިފައި ވަނީ ޑިސެމްބަރުގައި ރިލީޒްކުރި "މެޓްރިކްސް ރިސަރެކްޝަންސް" އިންނެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒް "ސިޓަޑެލް" އާއި ފީޗާ ފިލްމު "އިޓްސް އޯލް ކަމިން ބެކް ޓު މީ" އެވެ.