ވަޒީފާއިން ވަކިވެގެން ދާއިރު އިނާޔަތް ދޭންޖެހޭ ނަމަ އެ މުވައްޒަފަކަށް ލިބޭނެ އިނާޔަތް އިހްތިޔާރުކުރުމުގެ ފުރުސަތު އޮންނަ ގޮތަށް ހަމަޖައްސައިފި އެވެ.

މިގޮތަށް ހަމަޖައްސާފައި މިވަނީ ކުރިން ޕޭ ފްރޭމްވޯކް އޮތްގޮތުން ބައެއް މީހުން ހަ މަސް ދުވަހުގެ ތެރޭގައި ރިޓަޔާކުރާއިރު ބޮޑުވި މުސާރައިގެ ބަދަލުގައި ކުރީގެ ކުޑަ މުސާރައަށް ބަލައިގެން ޕެންޝަން ހަދަމުންގެންދާތީ އެކަމުގެ ކަންބޮޑުވުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ފާޅުކުރުމުންނެވެ.

މި ކަންބޮޑުވުންތަކާއެކު 500 އަށްވުރެ ގިނަ ޓީޗަރުންގެ ސޮޔާއެކު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ.

މި މައްސަލައަށް ހައްލު ގެނައުމަށްޓަކައި ދަޢުލަތުގެ ޕޭފްރޭމްވޯކް މިންގަޑަށް މިހާރު ވަނީ ފުރަތަމަ އިސްލާހް ގެނެސްފަ އެވެ. އެގޮތުން މުވައްޒަފަކު ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރާ ތާރީޚުން ފެށިގެން ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެން ދާއިރު އިނާޔަތް ދޭންޖެހޭ ނަމަ އެ މުވައްޒަފަކަށް ލިބޭނެ އިނާޔަތް އިހްތިޔާރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އިސްލާހުގައިވެ އެވެ. އަދި މިހާރު ވަނީ އެ އިސްލާހަށް އަމަލުކުރަން ވެސް ފަށައިފަ އެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކްގައި ވާގޮތުން އެފްރޭމް ވޯކަށް ހިޖުރަކުރާ މުވައްޒަފުން ވަޒީފާއިން ވަކިވެގެންދާއިރު ޢިނާޔަތުގެ ގޮތުގައި ފައިސާ ދޭނީ އެއްފަހަރާ ގަނޑުކޮށެވެ. މިހާތަނަށް މިއިނާޔަތް ދެމުން އައިސްފައިވަނީ އެއްފަހަރާ ގަނޑުކޮށް ދިނުމުގެ އިތުރަށް މަހުން މަހަށް ލިބޭ އިނާޔާތުގެ ގޮތުގަ އެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލި ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުގައި ވަޒީފާއިން ވަކިވެގެންދާއިރު ދެވޭނެ އިނާޔަތް ހިސާބުކުރާނެގޮތުގެ ތަފްޞީލު ހިމަނާފައިވެ އެވެ. އެގޮތުން ޚިދުމަތުގެ އެންމެ ދިގު މުއްދަތުގެ ގޮތުގައި 30 އަހަރު ބަލާނެ އެވެ. ޚިދުމަތުގެ މުއްދަތު ބަލާނީ، މީލާދީ އަހަރުންނާއި އަހަރުގެ ބައިކުޅަ ބައިންނެވެ. މިސާލަކަށް ދެ އަހަރާއި ހަ މަސް ކަމުގައި ބަލާނީ 2.5 އަހަރު ކަމުގަ އެވެ. އަދި މަހު މުސާރައިގެ އަދަދުގެ ގޮތުގައި ބަލާނީ އެންމެ ފަހުން ޚިދުމަތްކުރި 5 އަހަރުގެ އެވްރެޖް އަސާސީ މުސާރައަށެވެ.

މި ފްރޭމްވޯކްގައިވާގޮތުން މި އެލެވަންސް ދޭނީ ޤާނޫނުގައި ވަޒީފާއިން މުސްކުޅިކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ އުމުރުހަމަވުމަށްފަހު، އަމިއްލައަށް ބޭނުންވެގެން ވަޒީފާއިން މުސްކުޅިވުމަށް އެދި، އެ މުވައްޒަފެއް މަސައްކަތްކުރާ ދައުލަތުގެ އިދާރާއަށް ހުށަހެޅުމުންނެވެ. އަދި ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބިގެންވާ އިދާރާއަކުން އެ މުވައްޒަފަކު މުސްކުޅިކުރުމަށް ކަނޑައެޅުމުންވެސް މި އެލެވަންސް ލިބޭނެ އެވެ.

ދަޢުލަތުގެ ޕޭ ފްރޭމްއަށް ފުރަތަމަ ހިޖުރަކުރި ބަޔަކީ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނެވެ. މިއާއެކު ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ބޮޑުތަނުން މުސާރަވަނީ އިތުރުވެފައެވެ. އެގޮތުން އެންމެ ދަށުން މުސާރަ ލިބޭ މީހަކަށްވެސް މިހާރު 20،000އެއްހާ ރުފިޔާ ގެޔަށް ގެންދަން ލިބެ އެވެ.