ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) މެންބަރުކަމަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.

މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން އެލްޖީއޭގެ ބޯޑަށް ވާދަކުރެއްވީ ޕީއެންސީއަށް ނިސްބަތްވާ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދާއި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރެވެ. ވޯޓު ގުނުމަށްފަހު އިއުލާނުކުރި ނަތީޖާއިން ދައްކާގޮތުގައި އަލީ އަހުމަދަށް 312 ވޯޓު ލިބުނުއިރު، އަލީ ޒާފިރަށް ލިބިފައި ވަނީ 229 ވޯޓެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ފަރާތުން އެލްޖީއޭ ބޯޑަށް ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރްޔަމް ޒީނާ އާއި އެމްޑީޕީގެ ކެންޑިޑޭޓް ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރްޔަމް ނީނާ އެވެ. މި ގޮނޑި ޒީނާ ކާމިޔާބުކުރެއްވީ 79 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި މަރްޔަމް ނީނާއަށް ލިބިފައި ވަނީ 53 ވޯޓެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 807 މީހަކަށް ލިބިފައިވެ އެވެ. އެއީ 625 ކައުންސިލަރުންނާއި، 182 އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންނެވެ.

ވޯޓުލުން ކުރިއަށްދިޔަ ވަގުތު އުތުރުގެ ތިން އަތޮޅެއްގެ ހުރިހާ ރޫޓެއްގެ އާރްޓީއެލް ފެރީގެ ދަތުރުތައް ކުއްލި ގޮތަކަށް ކެންސަލްކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ކައުންސިލަރުން ކަންބޮޑުވުންފާޅުކުރި އެވެ.

އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލްތައް ތަމްސީލުކުރާ މެންބަރަކަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަނީ އިންތިހާބަކާ ނުލައި މީގެކުރިން އިންތިހާބުވެވަޑައިގެންފަ އެވެ. އޭނާ އެ މަގާމަށް ހޮވުނީ އެ ގޮނޑިއަށް އިތުރު ބޭފުޅަކު ކުރިމަތިނުލެއްވުމުންނެވެ.

މީގެއިތުރުން، އެލްޖީއޭގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ޖެންޑާ އީކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކަށް އާއިޝަތު އާރިފާ އަދި ގަވާނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރަކަށް އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އާރިފް އައްޔަންކުރަން މަޖިލީހުން އޮގަސްޓް މަހު ވަނީ ފާސްކޮށްފަ އެވެ.

އެލްޖީއޭގެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ ބޯޑުގެ ރައީސް، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި، ނައިބުރައީސް ފާތިމަތު ނިއުމާގެ އިތުރުން ސީއީއޯ މުހައްމަދު ނިމާލެވެ. އޭގެ އިތުރުން ބޯޑު މެންބަރު ފާތިމަތު ޒީނާ އަލީ، ބޯޑު މެންބަރު މުހައްމަދު އާޒާދު އަދި ބޯޑު މެންބަރު އަޒްހާ ޒަމީރު ވެސް އެ ބޯޑުގައި ހިމެނިވަޑައިގަންނަވަ އެވެ.