ވޮޝިންޓަން (02 ނޮވެމްބަރު) - ސޯޝަލް މީޑިއާ ކުންފުނި ޓްވިޓާގެ ޕްރިމިއަމް އެކައުންޓްތަކުގެ މަހު ފީއެއްގެ ގޮތުގައި ނަގާނީ ކޮންމެ މަހަކު 8 ޑޮލަރު ކަމަށް އެ ކުންފުނީގެ ވެރިޔާ އިލަން މަސްކް ބުނެފި އެވެ.

އިލަން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ޓްވިޓާގެ "ނޫ ފާހަގަ" މަަހަކު 8 ޑޮލަރަށް ލިބޭނެ ކަމަށާއި މިއީ އާ ބަދަލުތަކެއްގެ ފެށުން ކަމަށެވެ.

އިލަން މި ގޮތަށް ޓްވީޓް ކޮށްފައި މިވަނީ ޓްވިޓާގެ ޕްރިމިއަމް އެކައުންޓްތަކަށް މަހަކު 20 ޑޮލަރު ނަގަން އެ ކުންފުނިން ވިސްނަމުންދާ ކަމުގެ ރިޕޯޓުތައް މީޑިއާގައި ދައުރުވަމުން ދަނިކޮށެވެ.

މި ބަދަލަކީ މިދިޔަ ހަފްތާ ތެރޭގައި ޓުވިޓާ ގަތުމަށްފަހު އެ ކުންފުނީގެ ސިޔާސަތުތަކަށް އިލަން ގެންނަ އެންމެ ފުރަތަމަ މައިގަނޑު ބަދަލެވެ. މި ބަދަލާވެކު އެކުންފުނީގެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ޕްރިމިއަމް އެކައުންޓްތަކަކީ ދުނިޔޭގައި ފާހަގަ ކޮށްލެވޭ ޝަހްސިއްޔަތުންގެ ޓްވިޓާ އެކައުންޓްތަކަކީ "ވެރިފައިޑް" ނުވަތަ ކާކުކަން ޔަގީން ކުރެވިފައިވާ އެކައުންޓްތަކެވެ. މިކަމަށް މީގެ ކުރިން ޓްވިޓާއިން ނަގަމުން އައީ 4.99 ޑޮލަރެވެ.

ޓްވިޓާގައި މިހާރު ވެސް 400،000 އަށްވުރެ ގިނަ ޕްރިމިއަމް އެކައުންޓްތައް ހުރިއިރު މި ބަދަލާއެކު އެ ހުރިހާ އެކައުންޓްތަކުން އާ ޕްލޭނަށް ބަދަލުކުރަން ޖެހޭނެ އެވެ.

ޕްރިމިއަމް އެކައުނުޓުތަކުގެ މަހު ފީއަކީ 8 ޑޮލަރު ކަމަށް އިލަން ބުނެފައިވަނީ މަހުފީ އަކީ 20 ޑޮލަރު ކަމަށް މީގެ ކުރިން އައި ރިޕޯޓުތަކާއެކު ގިނަ ޕްރިމިއަމް އެކައުންޓްތަކެއްގެ ވެރިން އެކަމާމެދު ހިތްހަމަނުޖެހުން ފާޅު ކުރަމުން ދަނިކޮށެވެ. -- ރޮއިޓާސް