ރާއްޖޭގެ ދެކުނު އޮންނަ ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އިންކާރުކޮށް އިނގިރޭސި ވިލާތުން ބައިނަލްއަގުވާމީ ކޯޓުތަކުގައި ގާނޫނީ ގޮތުން ކުރި ހުރިހާ ކަމެއްގައި ނާކާމިޔާބުވުމުން، ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ މަޝްވަރާތައް މޮރިޝަސްއާ އެކު ފަށަން އެއްބަސްވެއްޖެ އެވެ.

ޗާގޯސް މޮރިޝަސްއާ ހަވާލުކުރިޔަސް، އެ ޖަޒީރާގެ ރަށެއްގައި އިނގިރޭސިވިލާތާއި އެމެރިކާ އިން ހިންގާ އަސްކަރީ މަރުކަޒު އިނގިރޭސިންގެ އަތްދަށުގައި ބާއްވަން މޮރިޝަސް އިން ވެސް ދެކޮޅު ނުހަދާ ކަމަށް އިނގިރޭސިވިލާތުން ބުނެ އެވެ.

އިނގިރޭސި ވިލާތުން ޗާގޮސްއާ މެދު ގެންގުޅޭ ސިޔާސަތު ބަދަލުކޮށް މަޝްވަރާ ފަށަން ނިންމާފައި ވާއިރު ރާއްޖޭން ވެސް މިހާތަނަށް ދެމެހެއްޓީ އިނގިރޭސި ވިލާތުގެ ވިސްނުމެވެ. ނަމަވެސް މޮރިޝަސް އާއި ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށުއަރާ ހިސާބު ބެހުމުގެ މައްސަލައިގެ ތެރެއިން ރާއްޖޭން ވަނީ ސިޔާސަތު މިހާރު ބަދަލުކޮށްފައިވާ ކަމަށް މި މަހު އިއުލާނުކޮށްފަ އެވެ.

އދ.ގެ އެންމެ މަތީ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އިނގިރޭސިންގެ އަތްދަށުގައި ޗާގޯސް ބޭއްވުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމަށާއި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އިސްތިޝާރީ ލަފައެއް ދީފަ އެވެ.

މޮރިޝަސްއަށް މިނިވަންކަން ދިނުމަށް ފަހު އޭގެ ބަދަލުގައި އެ ގައުމާ ޗާގޮސްގެ ރަށްތައް ވަކިކޮށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް ބަދަލުކުރުމަށް ފަހު 1970ގެ ތެރޭގައި ޗާގޮސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވީ އެވެ. އާބާދީ އަކީ ގާތްގަނޑަކަށް 2،000 އެވެ. ޗާގޮސްގެ މައި އަތޮޅު ކަމަށްވާ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒު ހިންގަން އެތަން ފަހުން ކުއްޔަށް ދިނީ އެވެ. މޮރިޝަސްއާ އެކު ފަށާ މަޝްވަރާތަކުން، ޗާގޮސްގައި އަލުން މީހުން ވަޒަންވެރިވާން ފުރުސަތު ލިބޭނެ އެވެ.

އިނގިރޭސިވިލާތުން ގެންގުޅެމުން އައި ސިޔާސަތު ބަދަލުކުރިކަން ހާމަކުރައްވަމުން އެ ގައުމުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ އިއްޔެ ވިދާޅުވީ، ޗާގޯސްއާ ގުޅޭ ގޮތުން ނުނިމި ހުރި ހުރިހާ މައްސަލަތަކެއް ހައްލު ކުރަން އިނގިރޭސިވިލާތުން ބޭނުންވާ ކަމަށެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރިޔަސް، ޑިއޭގޯ ގާސިއާގައި އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގަމުން އަންނަ އަސްކަރީ މަރުކަޒު ކުރިއަށް އޮތް ތަނުގައި ވެސް ހިންގޭނެކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމަށް ނިންމާފައި މި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެއްބަސްވުމަކަށް އައުމުގެ މަގުސަދުގައި،" އިނގިރޭސި ގާނޫނު ހަދާ މަޖިލީހަށް ކްލެވާލީ ލިޔުމުން ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ."ކަމާބެހޭ ގާނޫނީ މަރުހަލާތަކަށް ރިއާޔަތްކޮށް، ޗާގޯސް އާކިޕެލަގޯގެ ކުރީގެ ރަށްވެހިންނާ ގުޅުންހުރި މައްސަލަތައް ހިމެނޭ ގޮތަށް ނުނިމި ހުރި ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް ބައިނަލްއަގުވާމީ ގާނޫނުތަކުގެ މައްޗަށް ބިނާކޮށް އެއްބަސްވުމެއް ގާއިމުކުރުމަކީ އަޅުގަނޑުމެންގެ ވިސްނުން."

މޮރިޝަސް އާއި އިނގިރޭސި ވިލާތުގެ ނިންމުންތަކުގެ ސަބަބުން އެމެރިކާގެ ޑިއެގޯ ގާސިއާ އަސްކަރީ މަރުކަޒު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އެ ގައުމަށް އޮވެ އެވެ. އިނގިރޭސި ވިލާތުން އެމެރިކާ އަށް ކުއްޔަށް ދީފައިވާ ޑިއެގޯ ގާސިއާ ހަމަ އެގޮތުގައި ބާއްވަން މޮރިޝަސްއަށް އިން ކުރިން ވެސް ޔަގީންކަން ދީފައި ވާއިރު މިހާރު އެމެރިކާއަށް އެ ޔަގީންކަން ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް އެ ގައުމުން ކުރާ ދައުވާއާ ދެކޮޅަށް ރާއްޖެއިން މީގެ ކުރިން ދެ ފަހަރު އދ.ގައި ވޯޓު ދިނުމަށް ފަހު އެ ނިންމުން ސަރުކާރުން މި އަހަރު ވަނީ ބަދަލުކޮށްފަ އެވެ.ޗާގޯސް މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމިކަން އަންގަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޓީ ފޮނުއްވީ އޮގަސްޓް މަހު އެވެ. އެކަމަކު އެކަން ފުރަތަމަ އެނގުނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސް އިން ހުށަހަޅާފައިވާ ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލައިގައި މިދިޔަ މަހު ފަހުކޮޅު ބޭއްވި އަޑުއެހުމެއްގަ އެވެ.