ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމަށްފަހު މިހާތަނަށް 100،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިއިރު، އޭގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އެންމެ 228 ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރަޒާން ވިދާޅުވީ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރިއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓޫރިސްޓުންގެ ފުށުން ކޮވިޑް ފެންނަ ނިސްބަތް ވަރަށް ބޮޑުތަން މަދުވެފައިވުން ކަމަށެވެ.

"ލައްކައެއްހާ ފަތުރުވެރިން އައިއިރު ވެސް ޕޮޒިޓިވް ކޭސްތަކުގެ ގޮތުގައި ރިޕޯޓްކުރެވިފައި މިވަނީ ފަތުރުވެރިންގެ ތެރެއިން 228 ފަތުރުވެރިން ކަމަށް. އެއީ ޖުމްލަ އެރައިވަލްސްގެ ގާތްގަނޑަކަށް 0.2 އިންސައްތަ ވަރު. އެވަރުގައި ހިފަހައްޓާ މި ލެވުނީ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކަކުން އެތަންތަނުގެ މެނޭޖްމަންޓްތަކާއި، ޚިދުމަތުގެ ހުރިހާ ސްޓެޕެއްގައި ޝާމިލުވާ މުވައްޒަފުންގެ މަސައްކަތުން،" އޭނާ ވިދާޅުވި އެވެ.

ރަޒާން ވިދާޅުވީ، މިއަދުން ފެށިގެން މާލޭ ސަރަޙައްދުގެ ގެސްޓްހައުސްތައް އަލުން އޮޕަރޭޝަނަށް ގެނެވުމާއެކު މި ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި މިހާރު ވެސް މާލޭ ސަރަޙައްދުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދައަށް އެދި އެސްއޯޕީތައް މިނިސްޓްރީއަށް ލިބިފައިވާކަމަށާއި ހުއްދައަށް އެދޭ މިންވަރަކުން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު އެތަންތަން ހުޅުވުމުގެ ހުއްދަ ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިއަދުން ފެށިގެން ލިބެމުން އެބަދޭ މާލޭ ސަރަޙައްދުގެ މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ތަންތަން ހުޅުވުމުގެ ހުއްދައަށް އެދި. ހުޅުމާލޭގައި އެބައުޅޭ ގާތްގަނޑަކަށް 1،400 އެއްހާ އެނދު، މާލޭގައި ހާހެއްހާ އެނދު، އަދި ވިލިމާލޭގައި 100 އެއްހާ އެނދު. ޖުމްލަ މި ސަރަޙައްދުގައި 2500 އެއްހާ އެނދު އެބައުޅޭ. ދެން އަޅުގަނޑުމެން މި އުއްމީދުކުރަނީ މިނިސްޓްރީން އަންދާޒާ ކުރަނީ ޑިސެމްބަރު ނިމޭއިރު ގާތްގަނޑަކަށް ހަމަ 90 އިންސައްތަ މި ސަރަޙައްދުގައި މިހުރި އެނދުތައް ވެސް އޮޕަރޭޝަނަށް އަންނާނެކަމަށް،" ރަޒާން ވިދާޅުވި އެވެ.