މުޅި ދުނިޔެއަށް ބަލާއިރު ވެސް ނިސްބަތުން ފިރިހެނުންނަށްވުރެ ގިނައިން އަންހެނުން ޑިޕްރެޝަނަށް ހުށައެޅެ އެވެ. މި ބައްޔަށް ފަރުވާ ހޯދާ ކޮންމެ 10 މީހަކު ހަތް މީހުންނަކީ އަންހެނުން ކަމަށް ދިރާސާތަކުން ހާމަވެފައިވެ އެެވެ. ސުވާލަކީ ކީއްވެ ހެއްޔެވެ؟

އަންހެނުންނަކީ ވަރަށްވެސް ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާ ބައެކެވެ. ވަޒީފާ އަށް ދިޔަ ނަމަވެސް އަދި ނުދިޔަ ނަމަވެސް އަންހެނުންނަކީ ކޮންމެ ދުވަހެއްވެސް ވަރަށް ބުރަކޮށް ގިނަ ވަގުތު ހޭދަ ކުރަން ޖެހޭ ބައެކެވެ.

ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާ އަދި އެއްވެސް އަރާމެއްނެތި އަބަދުމެހެން މަސައްކަތުގައި އުޅޭ އަންހެނުންނަކީ ކިތަންމެ ގެވެހި އަދި މުރާލި ބައެއް ކަމަށް މުޖުތަމައު އިން ލޭބަލް ކުރި ނަމަވެސް ހަގީގަތަކީ، ގިނަ އަންހެނުން ޑިޕްރެޝަންއަށް ހުށައެޅީ މައިގަނޑު އެއް ސަބަބަކީ އެމީހުންނަށް އޮންނަ ފިއްތުންތައް ކަމެވެ.

އެގޮތުން ބީއެމްޖޭސް ޖާނަލް އޮފް އެޕިޑެމިއޮލޮޖީ އެންޑް ކޮމިއުނިޓީ ހެލްތުގައި ޕަބްލިޝްކޮށްފައިވާ ދިރާސާއެއްގައި ބުނާގޮތުންނަމަ ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާ ފިރިހިނެނުންނަށް ވުރެ ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާ އަންހެންނުން، ޑިޕްރެޝަންއަށް ދިއުމުގެ ފުރުސަތު ބޮޑެވެ.

ހަފްތާއަކު 35 ގަޑި އިރާއި 40 ގަޑި އިރަށް ވުރެ ގިނަ ވަގުތު މަސައްކަތް ކުރާ މީހުންގެ ތެރެއިން 7.3 އިންސައްތަ މީހުންގެ ފަރާތުން ޑިޕްރެޝަން އާ ގުޅުން ހުރި އަލާމާތްތައް ފެނިފައިވާ ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ. އެއީ އޮފީހާއި ގޭގެ މަސައްކަތް ވިޔަސްމެ އެވެ.

މިކަމުގެ ހައްލަކީ ގޭގެ ހުރިހާ މަސައްކަތްތައް އަންހެނުންގެ މައްޗަށް ދޫކޮށްލުމުގެ ބަދަލުގައި ފިރިހެނުން ވެސް އެކަމުގައި އަތްގާތް ކޮށްދިނުމެވެ. މިކަމުން އަންހެނުންގެ ބުރަ ލުއިވެ އެމީހުންނަށް އޮންނަ "ޕްރެޝަރު" ވެސް ކުޑަވާނެ އެވެ.