ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތަރި މަދޫރީ ދިކްޝިތްގެ ކާމިޔާބު ކެރިއަރަށް ވާސިލްވި ސިއްރު އޭނާ ކިޔައިދީފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނޫސްވެރިޔާ ވަނީ، މާދުރީގެ ކާމިޔާބީގެ ފަހަތުގައިވާ ސިއްރު ބުނެދިނުމަށް އޭނާގެ ގާތު އެދިފަ އެވެ. މިސުވާލަށް ޖަވާބުދެމުން މަދުރީ ބުނީ، ކާމިޔާބީއަށް ވާސިލްވުމުގެ ކުރިން އެކްޓަރެއްގެ ރޮނގުން ކުރިއެރުމަށް ގިނަ މަސައްކަތް ކޮށް، އެތައް ފަހަތަކު އޭނާ ފެއިލްވި ކަމަށެވެ.

ހަމައެހެންމެ އޭނާ އެކްޓަރަކަށް ވުމަށް ވިސްނި ވިސްނުމާ ގުޅިގެން އެތައް ފަހަރަކު ދެހިޔާލެއްގައި ހުރި ކަމަށާއި، އެ ކެރިއަރާއި ދުރަށް ދިއުމަށް ވިސްނިކަން ވެސް އޭނާ ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެކަން ކުރުމަށް ހުރަސްއެޅީ އެންމެ ކަމެއް ކަމަށް އޭނާ ބުންޏެވެ.

މާދުރީ ބުނިގޮތުގައި އޭނާ ކުރިއެރުމުގެ ސިއްރަކީ އޭނާގެ މަންމަ އޭނާއަށް ދިން ނަސޭހަތެވެ. ހިތްވަރު އެލުވާލަން މަސައްކަތް ކުރުމުން އެކަން އެފަދައިން ނުކުރުމަށާއި، ކުރާ ކަމެއްގައި ފުރިހަމައަށް އަދި ބުރަ މަސައްކަތް ކުރުމުން ކާމިޔާބު ލިބޭނެކަމަށް ބުނެ މަންމަ ސްނެހްލަތާ ދިކްޝިތް ދިން އެއްބާރުލުމަކީ އޭނާގެ ކާމިޔާބު ވުމަށް ލިބުނު އެންމެ ބޮޑު އެހީތެރިކަން ކަމަށް މާދުރީ ބުނެފައިވެ އެވެ.

މިއަދު މަދުރީއަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ނަން މަޝްހޫރު ތަރިއެކެވެ. މާދުރީ އެންމެ ފުރަތަމަ ބޮލީވުޑަށް ޑެބިއުޓް ކުރީ 1984 ވަނަ އަހަރު ފިލްމު "އަބޯދް" އިންނެވެ. އާންމުންގެ ތެރޭގައި މަދޫރީ އެންމެ ބޮޑަށް މަގުބޫލުވެފައި ވަނީ އޭނާގެ ރީތި ކަމަށާއި، ހަރަކާތްތައް ފުރިހަމަ ނެށުންތަކުންނެވެ.