އިންޑިއާގެ ސައުތުގެ ފިލްމުތަކަށް އާންމުން ކުރަމުން ދިޔަ މަލާމާތް މިހާރު މަދުވަމުންދާ ކަމަށް ކަންނާޑާ އެކްޓަރު ޔަޝް ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ޔަޝް ވަނީ މީގެ އަހަރުތަކެއް ކުރިން ސައުތު އިންޑިއާއިން ނެރެފައިވާ ފިލްމުތަކަށާއި، އެ ފިލްމުތަކަށް އާންމުން ދެކެމުންދިޔަ ގޮތަށް އަލި އަޅުވާލާފަ އެވެ.

އެގޮތުން އެންމެ ކުރިން ސައުތު އިންޑިއާއިން ނެރެމުންދިޔަ ފިލްމުތަކަށް އާންމުން ވަރަށް ބޮޑު ތަރުހީބެއް ދިންކަމަށް ޔަޝް ބުންޏެވެ. އެހެންނަމަވެސް ފިލްމުގައި ދައްކާ އެކްޝަން ސީންތަކުން "އެއްޗެހި އުދުހެނީ" ކަމަށް ބުނެ އާންމުންގެ މަލާމާތް ގިނަ ފިލްމުތަކަށް ލިބެމުންދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ.

ޔަޝް ބުނެފައިވާ ގޮތުގައި އެކަމުގެ ސަބަބުން ސައުތުގެ ފިލްމުތަކާއި ގުޅިގެން އާންމުން ދެކޭ ގޮތް ވަނީ ބަދަލުވެފަ އެވެ. އަދި ސައުތުގެ ފިލްމުތަކަށް ލިބެންވާ 'ސީރިއަސް' ކަން ގެއްލި، މަޖާ ނަންތައް ދީގެން ފިލްމަށް އެހެން ބަހުރުވަ ތަކުން އަޑު އަޅާކަމަށް އޭނާ ބުނެފައިވެ އެވެ.

އެހެންނަމަވެސް ސައުތުގެ ފިލްމުތަކާއި މެދު އާންމުން ދެކޭ ގޮތް ބަދަލުވީ "ބާހޫބަލީ" އަދި "ކޭޖީއެފް" ފަދަ ފިލްމުތައް ރިލީޒްވުމުން ކަމުގައި އޭނާ ބުނެފައިވެ އެވެ. އަދި އެ ދެ ފިލްމުގެ ސަބަބުން ބޮލީވުޑް ފިލްމު އިންޑަސްޓްރީން ގެނެސްދޭ ފިލްމުތަކަށް ވުރެ ސައުތުގެ އެފަދަ ފިލްމުތައް އާންމުންނަށް މާ ކަމުދިޔަކަން ވެސް އޭނާ ފާހަގަކޮށްފައިވެ އެވެ.

ޔަޝް އެންމެ ފަހުން ކުޅުނު ކޭޖީއެފް 2 ވަނީ އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަގުބޫލުވެ ކާމިޔާބު ހިޓް ފިލްމަކަށް ވެފަ އެވެ.

އެންމެ ފަހުން ނެރުނު "ކޭޖީއެފް: ޗެޕްޓާ 2" އަކީ 2018 ވަނަ އަހަރުގެ ނުކުތް "ކޭޖީއެފް: ޗެޕްޓާ 1" ގެ ސީކުއަލް އެވެ. މި ފިލްމް ގިނަ ބައެއްގެ މަގުބޫލުކަން ހޯދިއިރު، އެކި ބަސްތަކުން ފިލްމު ދައްކާފައިވެ އެވެ.