ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރް އާއި އާލިއާ ބަޓް އެ މީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. އާލިއާ އާއި ރަންބީރަށް ލިބިފައި ވަނީ އަންހެން ކުއްޖެކެވެ.
އާލިއާ އާއި އޭނާގެ ފިރިމީހާ ރަންބީރުގެ ތުއްތު އަންހެން ދަރިފުޅާއެކު ހޮސްޕިޓަލުން ފިލައިގެން ގެއަށް ދިޔުމަށް ނިކުތުމުން ވެސް ޕަޕަރާޒީންނަށް އެ މީހުން ވަނީ ފެނިފަ އެވެ. އެއާއެކު އެމީހުންގެ ޕޮޓޯތައް ޕަޕަރާޒީން ވަނީ ނަގާފަ އެވެ. މި ފޮޓޯތައް އެހާ ސާފުނުވި ނަމަވެސް އާލިއާ އާއި ރަންބީރުގެ ދަރިފުޅުގެ ފޮޓޯތަކެއް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
ޕަޕަރާޒީން ވަނީ ރަންބީރު ދަރިފުޅާއެކު ކާރަށް އަރާ އިންދައި އެމީހުން ހޯދައިގެން ފޮޓޯ ނަގާފަ އެވެ. ނަމަވެސް ޕަޕަރާޒީންނަށް އެމީހުންގެ ދަރިފުޅުގެ ސާފު ފޮޓޯއެއް ނުނެގުނެވެ.
އާލިއާ އާއި ރަންބީރު ކައިވެނި ކުރީ މިއަހަރުގެ ކުރީކޮޅު އެވެ. އެމީހުންނަށް ދަރިއަކު ލިބުނީ ކައިވެނިކުރިތާ ހަތް މަސް ދުވަސް ފަހުންނެވެ.
އާލިއާ އާއި ރަންބީރުގެ ދަރިފުޅަށް ކިޔާނެ ނަން ވެސް ޔަގީނާ ގާތަށް އެނގިފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފައިވެ އެވެ. އެއީ އާލިއާ ބައިވެރިވި ޓީވީ ޝޯއެއްގެ ބައިވެރިޔަކު އޭނާގެ ނަން ކިޔަން އުޅެ އުޅެ ދޫ އޮޅޭގޮތް ވެގެން އަލްމާ އޭ ކިޔުމުން އެއީ ވަރަށް ރީތި ނަމެއް ކަމަށާއި އޭނާ އަށް އަންހެން ކުއްޖަކު ލިބިއްޖެނަމަ ކިޔާނީ އެ ނަން ކަމަށް އާލިއާ ބުނެފައި ވާތީ އެވެ.
ނަމަވެސް މި ވާހަކަ އާލިއާ މިހާރު ހަނދާން ހުރި ކަމެއް އަދި ދަރިފުޅަށް މި ނަން ކިޔާފާނެ ކަމެއް ޔަގީން ނޫން ކަމަށްވެސް މި ނޫހުން ބުނެފައިވެ އެވެ.