ދިވެހިރާއްޖޭގެ ފަޚުރުވެރި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ދިވެހި ރައްޔިތުންނަށް ފޮނުއްވައިފި އެވެ.

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި ރައީސް ސޯލިހު ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، ހުރިހާ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފަ އެވެ. އަދި މިފެށޭ ޖުމްހޫރީ އަހަރަކީ ވެސް ހަމަޖެހުމާއި ސުލްހަ މަސަލަސްކަން އަދި އުފާފާގަތިކަން ރައްޔިތުންނަށް ލިބިދޭ އަހަރެއް ކަމުގައި ލެއްވެވުން އެދި ދުއާކުރައްވާފައިވެ އެވެ.

ރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަކުރަމުން އަންނަނީ ރަސްކަމުގެ ނިޒާމަކަށްފަހު ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެންދިޔަ ތާރީޚު ކަމަށްވާ 11 ނޮވެމްބަރ 1968 އަށް ނިސްބަތްކޮށެވެ.

ޖުމްހޫރީ ދައުލަތެއްގެ މާނައަކީ ރައްޔިތުންގެ ވެރިކަމެއް ކުރާ ދައުލަތެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަންކަން ނިންމެން ޖެހޭނީ ރައްޔިތުން އެކަމަށް ކަނޑައަޅާ އުސޫލުތަކުންނެވެ. ޖުމްހޫރީ ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ ގައުމުގެ އެންމެ މަތީ ވެރިޔާއަކީ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތާއީދާއެކު އިންތިޚާބު ކުރެވޭ ބޭފުޅަކަށްވުމެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެގޮތުން ބާއްވާ ރަސްމީ ޖަލްސާ މިރޭ ދަރުބާރުގޭގައި އޮންނާނެ އެވެ.

މި ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، ކީރިތި ގުރްއާން ހިތުދަސްކޮށްގެން، 1 ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑެލް ދެއްވުން ވެސް އޮންނާނެ އެވެ.