ސިޔާސީ ހަމަޖެހުން ރާއްޖެއަށް ގެނެވޭ ކަމުގެ ހިތްހަމަޖެހުން މިއަދު އެބަ ލިބޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މީހެއްގެ ސިޔާސީ ފިކުރާއި ވިސްނުން ނިސްބަތްވާގޮތަކުން އެމީހަކާ މެދު ތަފާތުކުރުން ގެންގުޅޭ ކަމީ މީގެ ހަތަރު އަހަރުކުރިން ރައްޔިތުންގެ އޮތް ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް މިއަދު މުޅި ރާއްޖެއިން ފެންނަ ހަގީގަތަކީ އެތަފާތުކުރުން މާޒީ ވެއްޖެކަން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"ކުޑައެއް ބޮޑެއް، ސިޔާސީ ކުލައެއް ތަފާތު ނުކޮށް، ހަމަހަމަ ކަމާއެކު ރަށްތަކާ، ރައްޔިތުންނަށް މިއަދު ޚިދުމަތް ލިބޭނެ. އަމާންވެއްޓެއް ގާއިމުވެ، ހަމަޖެހިލައިގެން، ދިރިއުޅުމާމެދު ވިސްނާނެ މާހައުލެއް މިއަދު އެބައޮތް. އޭގެ ކުރިއާ އަޅާ ބަލާނަމަ، މިހާރު އެތައް ގުނައަކުން ރާއްޖެ އަމާން ކުރެވިއްޖެ. އެ އިޙުސާސް މުޖުތަމަޢުގާ މިހާރު އެބަހިނގާ. ޒަމާންތަކަކަށްފަހު ސިޔާސީ ހަމަޖެހުން ރާއްޖެއަށް ގެނެވޭ ކަމުގެ ހިތްހަމަޖެހުން މިއަދު އެބަ ލިބޭ،" ރައީސް ވިދާޅުވި އެވެ.

އަސާސީ ހިދުމަތުގެ ބޮޑެތި މަޝްރޫއުތަކެއް

ރައީސް ވިދާޅުވީ އިޖްތިމާޢީ ހަމަހަމަކަމަށްޓަކައި، މި ހަތަރު އަހަރު ސަރުކާރުން ހިންގަމުންދާ އަސާސީ ޚިދުމަތުގެ ބޮޑު މަޝްރޫއު ތަކެއް އެބަވާ ކަމަށެވެ. އެގޮތުން ރާއްޖޭގާ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގާ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ ފުޅާ މަޝްރޫއު ހިނގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއެކު، ހުރިހާ ރަށަކަށް އަސާސީ ޚިދުމަތް ފޯރުކޮށްދީ ނިންމުމުގެ އަމާޒުގަ، މި ހަތަރު އަހަރު ސަރުކާރު ދެމިއޮތިން. ރަށް ރަށުގެ ލަފާ ފުރުމުގެ ދަތިކަމަށް، ދެމެހެއްޓެނިވި ޙައްލު ހޯދައިދިނުމުގެ މަޝްރޫއު ދަނީ ހިނގަމުން. ބޭނުންވާ އުމްރާނީ ވަސީލަތްތަކާ ޚިދުމަތްތައް، ދިރާސާކޮށް ފަރުމާ ކޮށް ހިންގަމުން މިގެންދަނީ. ވަކި ހާއްސަ މަގްސަދު ތަކަކަށްޓަކައި. އެއީ އެއްވެސް ރަށެއް އިހުމާލުވެ އެކަހެރި ނުވާނެ، ތަނަވަސް އުފާވެރި ޖަޒީރާ ދިރިއުޅުން، މިޖުމްހޫރިއްޔާގެ ހުރިހާ ރަށަކަށް ލިއްބައިދިނުމަށް،" ރައީސް ވިދާޅުވި އެވެ.

ޒުވާނުންގެ އުންމީދުތަކުގައި ދަނީ ކުލަ ޖެހެމުން

ރައީސް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ރާއްޖޭގެ ޒުވާނުން މެދުއުޑުގާ ފިޔަޖެހުމަށް ކުރި އުންމީދު އޮތީ، ހަމައެކަނި އިވުނު އަޑެއްގެ ގޮތުގައި ކަމަށެވެ. ރާއްޖެއަށް މިގެނެވުނު ބަދަލު ގެނައުމުގައި ޒުވާނުންގެ ހިއްސާ ނުހަނު ބޮޑު ކަމަށާއި އެޒުވާނުން އޭރު ތިބި މާޔޫސްކަމުގެ ތެރެއިން، އެމީހުންގެ މުސްތަގްބަލު ގެއްލިދާނެ ކަމުގެ ބިރު، ޚުދު އެޒުވާނުންނަށް އޭރު އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ތައުލީމާ ތަމްރީނާ އެކު ހެދިބޮޑުވާ އުފެއްދުންތެރި ޖީލެއްގެ ބޭނުން، ދިވެހި ޖުމްހޫރިއްޔާ އަށް ނުހަނު މުހިންމު ކަމަށާއި ހަރުދަނާ ރަނގަޅު ޒުވާނަކަށް ވުމަށް އޮތް ތަކުލީފް މީގެކުރިން އިންތިހާއަށް ބޮޑު ކަމަށް ރައީސް ވިދާޅުވި އެވެ.

ޒުވާނުންގެ ބައިވެރިވުމާ ވެސް އެކު ގެނައި މިސަރުކާރުން އެ ތަކުލީފުތަކަށް ހައްލު ގެނެސްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް ފާއިތުވި ހަތަރު އަހަރު ސަރުކާރުން ކުރި މަސައްކަތްތަކާއެކު ޒުވާނުންގެ އުންމީދުތަކުގާ އެދަނީ ކުލަ ޖެހެމުން ކަމަށެވެ. ވަކިން ހާއްސަކޮށް ޒުވާނުންނަށް ހިންގޭ ހުނަރު ޕްރޮގްރާމާއި ހިލޭ ޑިގްރީ ޕްރޮގްރާމަކީ، ދިވެހި ޖުމްހޫރިއްޔާގެ ކުރިމަގަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމެންޓް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ފާއިތުވި ހަތަރު އަހަރު މުޅިން އަލަށް 15547 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށް ދެވިއްޖެ. ވަޒީފާގެ މާހައުލަށް ޒުވާނުން ތައްޔާރުކުރުމަށް ސަރުކާރުން ހިންގާ، ހުނަރާ ތަމްރީނު ޕްރޮގްރާމްތަކުން އެކަނިވެސް 5000 އަށްވުރެ ގިނަ ފުރުސަތު ހޯދާ ދެވިއްޖެ. މިހާރު މިއޮތް ފުރުސަތުތައް، މީގެކުރިން ޒުވާނުންނަށް ފަހިވިނަމަ، މިއަދުގެ ނަތީޖާ މާރަނގަޅުވީސް. ގޮތްހުސްވެ، މާޔޫސްވެ މަގުގެއްލި މަގުތަކަށް ގިނަވާ ޒުވާނުން، މިހާރާ އެއްވަރަށް އޭރުވެސް މަދު ކުރެވުނީސް،" ރައީސް ވިދާޅުވި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެދި ތަރައްގީވުމަށް ފަހި މާހައުލެއް

ރައީސް ވިދާޅުވީ ގައުމެއްގެ ސިޔާސީ އަދި އިޖްތިމާއީ ދުޅަހެޔޮކަން ގެއްލިދާ އެންމެ ބޮޑު ސަބަބަކީ، އިގްތިސޯދީ ނުތަނަވަސްކަން ކުރިމަތިވުން ކަމަށެވެ. ޤައުމެއް ފުދުންތެރިވެ، އިގްތިސޯދީ ހަކަތަ ދައުރު ކޮށްދޭ މައިނާރަކީ، އެގައުމެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް ކަމަށާއި ރާއްޖޭގެ ވިޔަފާރިތަކުގެ 95 އިންސައްތަ ހިއްސާކުރަނީ އެ ވިޔަފާރިތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެދި ތަރައްޤީ ވުމަށް ފަހި މާހައުލެއް، މިފާއިތުވި ހަތަރު އަހަރުން ގާއިމްކޮށްދެވިއްޖެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި ހިންގުމުގާ ހުރި އިދާރީ ހުރަސްތައް، ވަރަށް ބޮޑަށް މިހާރު ކުޑަކުރެވިއްޖެ. މި ނިޒާމް ޑިޖިޓައިޒް ކުރެވިއްޖެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގާ މީގެކުރިން އޮތް ކޮޅުންނުލާ ކިއު، މިހާރު ހަމައަކަށް އަޅުވާ، ތަރުތީބު ކޮށްފިން. އެސްއެމްއީ ބޭންކުގެ ޒަރިއްޔާއިން، މި ހަތަރު އަހަރު އުފެދުނު ވިޔަފާރިތައް، އިގްތިސޯދު ހިންގުމުގައާ ވަޒީފާ އުފެއްދުމުގައި މުހިންމު ދައުރެއް އެބަ އަދާކުރޭ،" ރައީސް ވިދާޅުވި އެވެ.

ވަޒީފާ އަދާކުރާ މީހާއަށް އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ، އެއީ ޤާނޫނަކުން ކަށަވަރުކޮށްދޭ ހައްޤެއްގެ ގޮތުގާ ކަނޑައެޅިއްޖެ ކަމަށާއި އެ ގަނޫނުގެ ލާބަ މަސައްކަތްތެރިންނަށް މިހާރު އެދަނީ ލިބެމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަދި ތައުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ހެޔޮ ބަދަލުގެ އަސަރު ލިބެމުން އެބަދާ ކަމަށާއި އިރާދަކުރެވިއްޔާ އަންނަ އަހަރު މި ހެޔޮ ބަދަލު ސިއްހީ ދާއިރާއަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.