ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރް އާއި އާލިއާ ބަޓް އެ މީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. އާލިއާ އާއި ރަންބީރަށް ލިބިފައި ވަނީ އަންހެން ކުއްޖެކެވެ.
އާލިއާ އާއި އޭނާގެ ފިރިމީހާ ރަންބީރުގެ ތުއްތު އަންހެން ދަރިފުޅާއެކު ހޮސްޕިޓަލުން މިހާރު ގެއަށް ދޫކޮށްލާފައިވާއިރު އާލިއާއަށް މިވަގުތު އެންމެ ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަނީ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުގެ ފަރާތުންނެވެ.
ކަރީނާއާއި ސައިފް އަލީހާން ކައިވެނިކޮށްގެން އެ ދެމީހުންނަށް ވަނީ ދެ ދަރިން ލިބިފަ އެވެ.
"އާލިއާއި ކަރީނާގެ ގުޅުން އަންނަނީ ދަރިއަކު ލިބުނުފަހުން އިތުރަށް ބޮޑުވަމުން. ދަރިފުޅުގެ ވާހަކަ ދައްކަން ވެސް ދެމީހުން ވަރަށް ގިނައިރު ފޯނުގަވެސް ތިބޭ،" ކަރީނާގެ ގާތް މީހަކާ ހަވާލާދީ އިންޑިއާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވެ އެވެ.
ވިހެއުމަށްފަހު އެހެން މައިން ފަދައިން އާލިއާ ވެސް މިދުވަސްކޮޅު ދަނީ ޕޯސްޓްޕާޓަމްގެ ދުވަސް ކޮޅާ ކުރިމަތިލަމުންނެވެ. ތުއްތު ދަރިފުޅުގެ ކަންތައްތައް ބެލެހެއްޓުމުގެ އިތުރުން، ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާމެދު އާލިއާ ވެސް ފިކުރު ކުރަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.
މިކަމުން އަރައިގަތުމަށް އެންމެ ބޮޑު އެހީތެރިކަމެއް ކަރީނާ ދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އާލިއާ މާބަނޑު އިރު ވެސް ކަރީނާ ވަނީ އާލިއާއަށް ގިނަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ކަރީނާ އަކީ ރަންބީރުގެ ކަޒިން ދައްތަ އެވެ.