ބައެއް މީހުންނަށް މިއީ ގަބޫލުކުރަން ދަތި ވާހަކައަކަށް ވެދާނެ އެވެ. އެއީ އަމިއްލައަށް ތަޖުރިބާކުރެވިފައި ނުވާތީ އާއި އެފަދަ ވާހަކަތައް އަބަދުވެސް ތުންތުން މަތިން އިވޭތީ އެވެ. މިފަދަ ހާދިސާއެއް އަމިއްލައަށް ތަޖުރިބާކުރެވިފައި ހުންނަނީ ވެސް މަދު މީހަކަށެވެ. އެހެންވެ އެއީ ހިނގާފައި އޮތް ކަމަކަށް ވިޔަސް ބައެއް މީހުން ގަބޫލުކުރަން ބޭނުމެއް ނުވެ އެވެ. އެކަމަކު މިއީ ހިނގި ކަމެެކެވެ. މަދުން ނަމަވެސް މިކަހަލަ ހާދިސާތައް ރާއްޖޭގެ އެކި ސަރަހައްދުގައި ހިނގާފައި ހުރި ވާހަކަ ދެކެވެ އެވެ.

މިއީ އޭގެ ތެރެއިން އެއް ހާދިސާ އެވެ. މި ހާދިސާ ހިނގީ މީގެ 53 އަހަރު ކުރިން ފުވައްމުލަކުގަ އެވެ.

މިރަށު ދޫނޑިގަމު، ކޯންސްލީޓު، އާއިޝަތު ހަސަން (ފުތުގެ އައިސާ) އޭނާގެ ތިން ހަތަރު އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން ދިޔައީ އެ މީހުން ކުރިން ދިރިއުޅުނު ގެއާ ދިމާލު އަތިރިމައްޗަށެވެ.

އެ ތުއްތު ކުއްޖާ، މިރަށު ސަންދަރޯސްގެ މަރިޔަމް މުހައްމަދު (މަންދިޔަ)ގެ މިހާރުގެ އުމުރަކީ 57 އަހަރެވެ. އެ ހާދިސާ ދުރު ހަނދާނެއްގެ ގޮތުގައި އަދިވެސް އޭނާ ހުރެ އެވެ.

"މަންމަ އަހަރެން ގޮވައިގެން ދިޔައީ މިހާރުގެ ނަމުން ނަމަ ފުވައްމުލަކު ސުވާސާގެ ކުރިމަތިން އަތިރި މައްޗަށް ދިޔައީ. އެ ޒަމާނުގައި ފާޚާނާއެއް ނުހުންނާތީ ބޮޑުކަމުދާން ވެގެން ބައެއް މީހުން ދާނީ އަތިރިމައްޗަށް،" އެ ހާދިސާ ހިނގި ގޮތް ކިޔައިދެމުން މިރަށު މަންދިޔަ ބުންޏެވެ.

މަންދިޔަ ފުރަތަމަ ދިރިއުޅުނު ގެ ހުންނަ ސަރަހައްދު. ފޮޓޯ | ހުރިހާ

ކަށިކެޔޮ ގަސްތަކާއި ދިވެހި ރުކާއި އެނޫން ވެސް ތަފާތު ގަސްތަކުން ފުރިފައިވާ އެސަރަހައްދުގައި އޭރު ކޮންމެ ވެސް ވަރަކަށް ކިނބި ގަސް ވެސް ހުއްޓެވެ. އައިސާ އޭނާގެ ދަރިފުޅު މަންދިޔެ ގޮވައިގެން ގޮސް ބެހެއްޓީ ގަސްތަކާ ދުރުގައި ދޮންވެލިގަނޑު މަތީގަ އެވެ. އައިސާ ގޮނޑުގޮށުގައި ބޮޑުކަމު ގޮސް ތާހިރުވެ ނިމިގެން އެނބުރި ބަލާލިއިރު ދަރިފުޅު ގެއްލިއްޖެ އެވެ.

"މަންމަ ކުއްލިއަކަށް ވަރަަށް ބޮޑަށް ހާސްވެގެން އެއްގަމަށް ގޮސް އެކި މީހުން ކައިރީ ރޮއެ ހޭރިގެންފައި ބުނެފައި މަގޭ ދަރިފުޅު ގެއްލިއްޖެ އޭ، ހޯދައިދޭށޭ. ދެން ސަރަހައްދުގައި ދިރިއުޅޭ އެންމެ ނުކުތީ އަހަރެން ހޯދަން،" މަންދިޔަ ބުންޏެވެ.

އެ ދުވަސްވަރުގެ ހަނދާން ހުރި ބައެއް މުސްކުޅިންނާއި މިހާރު ނިޔާވެފައިވާ މަރުހޫމާ އައިސާ ވެސް ބުނެފައިވާ ގޮތުގައި އެ ދުވަހު ހެނދުނު ގެެއްލުނު ކުޑަ ދަރިފުޅު ހޯދުމަށްޓަކައި ރަށުގެ އެ ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވި އެވެ. ހަރު އަޑުން ތަކުބީރު ކިޔަމުން ހޯދަމުން ދަނިކޮށް ރުކަކަށް އެރި ފިރިހެނަކަށް ފެނުނީ އެހިސާބުގެ ތަންކޮޅެއް އެތެރޭގައި ހުރި ކިނބި ގަހެއްގެ ގޮފިގަނޑެެއްގެ މަތީގައި ހުރި ކުޑަ ކުއްޖެކެވެ.

ރުކަށް އެރި މީހާ ހަޅޭއް ލަވައިގަތުމާއެކު އެ ހިސާބަށް މީހުންތައް ޖަމާވި ވަގުތު ތުއްތު ކުއްޖާ، ގަހުގެ ގޮފިގަނޑުން ސޮއްސާލައިގެން ބިންމައްޗަށް ވެއްޓުނެވެ. އެވެއްޓުނު ވެއްޓުމާއެކު އެކުއްޖާގެ ފައި ހެރުނީ އެތަނުގައި ހުރި ފޭރާ އަކަށެވެ.

"މަންމަމެން ކިޔައިދިން ވާހަކަ އަދިވެސް ރީތިކޮށް ހުރޭ. އެކަމަކު އޭރު ވަރަށް ކުޑަވީމަ ވަރަށް މަދު ކަމެއް ހަނދާން ހުރީ،" މަންދިޔަ ބުންޏެވެ.

ފުވައްމުލަކުން ޖިންނިއެއް ކުޑަ ކުއްޖަކު ގެންދިޔަ ކަމަށް ބުނާ ސަރަހައްދުގައި ހުރި ގަސްތަކެއް. ފޮޓޯ | ހުރިހާ

މަންދިއަ ކިޔައިދިން ގޮތުގައި ދޮންވެލިގަނޑު މަތީގައި މަންމަ އޭނާ ބަހައްޓާފައި ދިޔަތާ އިރުކޮޅަކުން އައިސް ގެއަށް ހިނގާށޭ ކިޔާފައި ގެންދިޔައީ ގެއަށެވެ. ގެއަށް ގޮސް ގޭގައި އޭނާ ބައިންދާފައި މަންމަ ދިޔައީ ދޮންކެޔޮ ވަކެއް ބަލައޭ ބުނެފަ އެވެ. އިރު ކޮޅަކުން މަންމަ ދޮންކެޔޮ ވަކެއް ހިފައިގެން އަންނަ ތަން ފެނުނެވެ. މަންމަ ދޮންކެޔޮ ވައް ހިފައިގެން ކައިރި ވަމުން އަންނަނިކޮށް ކުއްލިޔަކަށް ފެނުނީ މަންމަ ބިން މައްޗަށް ވެއްޓުނު ތަނެވެ. އެވަގުތު ވީނުވީ ގޮތެއް ނޭނގި މަންދިޔަ ވެސް ވެއްޓިގެން ގޮސް ޖެހުނީ ބިންމަތީގަ އެވެ. ބިން މަތީގައި ހުރި ފޭރާއެއްގައި ޖެހުނު ވަގުތަކީ އެއީ އެވެ.

"އޭރު ނޭނގެ މިވެގެން އުޅޭ ގޮތެއް ވެސް. މާފަހުން މި އެނގުނީ އެހެން މީހެއްކަން އަހަރެން އެތަނުގައި ހުއްޓާ ގެންދިޔައީ،" މަންދިޔަ ބުންޏެވެ.

މުޅި ހާދިސާއަށް ބަލާ އިރު ތުއްތު ކުއްޖާ (މަންދިޔަ) ދޮންވެލިގަނޑު މަތީގައި ހުއްޓާ އޭނާގެ މަންމަ ކަމަށް ހެދިގެން އައީ ޖިންނިއެކެވެ. އެ ޖިންނި މަންމަ ސިފައިގައި ހުރެ ގޮވައިގެން ގޮސް ބެހެއްޓީ ކިނބި ގަހެއްގެ އޮފިގަނޑެއްގަ މަތީގަ އެވެ. އަދި ދޮންކެޔޮ ވައް ހިފައިގެން ޖިންނި އައި ވަގުތު ތަކުބީރު ކިޔަމުން އައި މީހުން ގަހާ ހަމަވުމުން އެ ޖިންނި ވެސް ބިން މައްޗަށް ވެއްޓުނީ އެވެ. އެ ވަގުތު ޖިންނީގެ ބާރުގައި ހިފަހައްޓަފައި ހުރި ތުއްތު ކުއްޖާ ވެސް އެ ބާރުން ވީއްލިގެން ގޮސް ބިން މައްޗަށް ވެއްޓުނީ އެވެ.

"އެ ގަހުން ވެއްޓި ކުދިކުދި އަނިޔާތަކެއް ވެސް ލިބުނު. ނަމަވެސް މާގިނަ ދުވަހެއް ނުވަނީސް އެކަން ރަނގަޅުވެއްޖެ،" މަންދިޔަ ބުންޏެވެ.