އެމެރިކާގެ ލަސް ވެގަސް އެއާޕޯޓުން ނައްޓާލި އަލަސްކާ އެއާލައިންގެ ފްލައިޓެއްގެ ފިޔަގަނޑު މައްޗަށް އެރި މީހަކު ހައްޔަރުކޮށްފި އެވެ.

ލަސްވެގަސްގެ މެކްކެރިން އިންޓަނޭޝަނަލް އެއާޕޯޓުން ޕޯޓްލެންޑަށް ދަތުރުކުރަން ހަމަޖެހިފައި އޮތް އަލަސްކާ ފްލައިޓް 1367 ގެ ފިޔަގަނޑުގެ މަތީގައި އިން މީހާ ޕައިލެޓަށް ފެނިފައިވަނީ ބޯޓު ނައްޓާލަން އުޅެނިކޮށެވެ. ޕައިލެޓް ވަނީ އަވަހަށް އެކަން ކޮންޓްރޯލް ޓަވާގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ސީއެންއެންއާ ވާހަކަދައްކަވަމުން އެ އެއާޕޯޓުގެ ތަރުޖަމާނު ޖޯ ރޭޗަލް ވިދާޅުވި ގޮތުގައި ލަސްވެގަސްގެ ޕޮލިސް ޑިޕާޓްމެންޓް އާއި އެއާޕޯޓުގެ އޮފިޝަލުން ވަނީ އެމީހާ ހައްޔަރުކޮށްފަ އެވެ.

ފްލައިޓްގައި އެވަގުތު އިން ފަސިންޖަރަކު ކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުން އެމީހާ ފްލައިޓްގެ ފިޔަގަނޑު މަތީގައި އިށީނދެގެން އިނދެފައި ތެދުވެ ހިނގާތަން ވެސް ފެނެ އެވެ. އެއަށްފަހު ފިޔަގަނޑުގެ ކޮޅަށް އެރުމަށް ބޫޓާއި އިސްޓާކީނު ބާލާތަން ފެނެ އެވެ.

އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ މެޑިކަލް ފެސިލިޓީއަކަށެވެ.

މި ހާދިސާއަށް ފަހު އެ ބޯޓު ވަނީ ފުލް އިންސްޕެކްޝަނަކަށް ގޭޓަށް ގެންގޮސްފަ އެވެ. އެ ދުވަހު މެންދުރު 12:30 ގައި ފުރަން ހަމަޖެހިފައި އޮތް ފްލައިޓް ޑިލޭ ވެގެން ފުރިފައިވަނީ 4:48 ގަ އެވެ.