އިންޑިއާގެ އެހީގައި މަރާމާތުކުރަމުން އަންނަ އޮލިމްޕަސް ސިނަމާ މަސައްކަތް ނިންމައި އަންނަ މަހުގެ 16 ވަނަ ދުވަހު ހުޅުވާނެ ކަމަށް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ އޮލިމްޕަސް ހުޅުވުން ލަސްވާތީ އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޔުމްނާ ވިދާޅުވީ، އޮލިމްޕަސް ހުޅުވުން ލަސްވެފައިވަނީ އެތަން ތަރައްގީކުރުމަށްޓަކައި ބޭނުންވާ ސާމާނު ހޯދުމަށް ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު އަންނަ މަހުގެ 16 ވަނަ ދުވަހު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޮލިމްޕަސް ނިމުމާއެކު ދިވެހި ފަންނާނުގެ ހުނަރުދައްކާލުމުގެ ޕްލެޓްފޯމެއް ގާއިމްވެގެންދާނެ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

މިގޮތުން އޮލިމްޕަހުގައި ފިލްމް ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރާއި، މިއުޒިކާއި ޑާންސް ޕްރެކްޓިސްކުރުމަށް ޚާއްސަ ކޮޓަރިތައް ހެދިގެންދާނެ ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ.

"މި މަޝްރޫއު ނިމިގެންދާއި ސަރައުންޑިންގ ސައުންޑް ސިސްޓަމްތަކާއި، ސްޓޭޖް ޑްރާމާތައް ކުރިއަށް ގެންދެވޭނެ ގޮތައް ލައިޓްސްތައް ހުންނާނެ. ކެފޭ އެއް ހުންނާނެ. ފަންނާނުން ހިންގާ ހަރަކާތްތައް އިޝްތިހާރު ކުރެވޭނެ ގޮތް ހުންނާނެ،" މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ.

ބަލިމަޑުކަމުގެ ދުވަސްވަރު ބަންދުކުރި ގޮތަށް، މިހާތަނަށް އޮލިމްޕަސް ހުޅުވާފައެއް ނުވެ އެވެ. މަރާމާތުގެ މަސައްކަތްތައް ފެށީ ކޯވިޑްގެ ސަބަބުން އިމާރާތް ބަންދުކޮށްފައި ވަނިކޮށެވެ.

މިހާރު ފަށާފައިވާ އޮލިމްޕަހުގެ މަރާމާތުގެ މަސައްކަތަކީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ވެފައިވާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ދިން އެހީގައި ކުރިއަށްގެންދާ މަސައްކަތެވެ. އޮލިމްޕަހުގެ ހިދުމަތް ނުފެށި ލަސްވުމަކީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ވެސް ބޮޑު ކަންބޮޑުވުމެކެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ 2020 ވަނަ އަހަރު އެ ސިނަމާ ބަންދުކުރި ގޮތަށް އެ ތަން އަދިވެސް ނުހުޅުވަ އެވެ.

ދިވެހި ފިލްމު ދެއްކުމަށް ހާއްސަ ކޮށްފައިވާ ހަމައެކަނި ސިނަމާ ނުހުޅުވައި ލަސްވާތީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޝަކުވާ ބޮޑެވެ.

އޮލިމްޕަހަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒަމާންވީ އަދި އެންމެ ބޮޑު ސިނަމާއެވެ. 1959 ހުޅުވި އޮލިމްޕަހުގައި އެންމެ ފުރަތަމަ ދައްކަން ފެށީ ހިންދީ ފިލްމާއި އިނގިރޭސި ފިލްމްތަކެވެ. ދިވެހި ފިލްމް ދައްކަން ފެށީ 1980ވަނަ އަހަރުން ފެށިގެންނެވެ.