ވޮޝިންޓަން (17 ނޮވެމްބަރު) - ސޯޝަލް މީޑިއާ ކުންފުނި ގަތުމަށްފަހު އިލަން މަސްކް އެ ކުންފުނީގެ މުވައްޒަފުންނަށް ދިން އިންޒާރާއެކު ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން އިސްތިއުފާ ދޭން ފަށައިފި އެވެ.
ޓްވިޓާގެ ހިންގުމާ ހަވާލުވުމަށްފަހު އިލަން މަސްކް ވަނީ ކުރިން ކުރި މަސައްކަތަށް ވުރެ ދެގުނަ މަަސައްކަތް ކުރަން ތައްޔާރުވުމަށާއި އެހެން ނޫން ނަމަ ވަޒީފާއިން ވަކިވާން ޖެހޭނެ ކަމަށް ބުނެފަ އެވެ.
އެގޮތުން މަސައްކަތުގެ ވަގުތު އިތުރު ކުރުމާ ކުރަން ޖެހޭ މަސައްކަތްތައް ވެސް އިތުރުކުރަން މަސްކް ވިސްނަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިއާއެކު މުވައްޒަފުންގެ ޚިޔާލު ފާޅުކުރާ ޕްލެޓްފޯމެއްގައި ނެގި ޚިޔާލު ބެލުމުގެ ވޯޓެއްގައި އެ ކުންފުނީގެ 42 ޕަސެންޓް މުވައްޒަފުން ވަނީ ވަޒީފާއިން އިސްތިއުފާދީ މިނިވަންވާނެ ކަމަށް ބުނެފަ އެވެ.
ޚަބަރުތައް ބުނާ ގޮތުގައި އިލަން މަސްކް އަންނަނީ ޓުވިޓާގެ އިސް މަގާމުތަކުގައި ތިބި މުވައްޒަފުން ކުންފުންޏާއެކު ކުރިއަށް ދިއުމަށް އެދި ބައްދަލުވުންތައް ބާއްވަމުންނެވެ.
ޓުވިޓާގައި މިހާރު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ގިނަ ބަޔަކު ކުންފުނިން ވަކިވާން ވިސްނާފައިވާއިރު އިލަން މަސްކް ވަނީ މީގެ ކުރިން ކުންފުނީގެ 50 ޕަސެންޓަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކި ކޮށްފަ އެވެ.
މުވައްޒަފުންނާމެދު އިހާނެތިކޮށް ކަންތައް ކުރާ ކުންފުންްޏެއްގައި އިތުރަށް ވަޒީފާ އަދާކުރަން ބޭނުންނުވާ ކަމަށް މީގެ ތެރެއިން ގިނަ މުވައްޒަފުން ބުނެފައިވެ އެވެ.
ކުންފުނިން ވަކިވާން ވިސްނަމުން އަންނަ މުވައްޒަފުންގެ ތެރޭގައި ކުންފުނީގެ ޓެކްނިކަލް މުވައްޒަފުން ވެސް ހިމެނޭތީ ކުރިއަށް އޮތް ތަނުގައި ޓްވިޓާގެ ޚިދުމަތްތަކާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
އިލަން މަސްކްގެ މި ނިންމުމާއެކު ޓްވިޓާގެ މިހާރުގެ މުވައްޒަފުންނާއި އާއްމުންގެ ފަރާތުން ވެސް އޭނާއަށް ވަނީ ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. -- އަލް އަރަބިއްޔާ