ހާސްވެ ކަންބޮޑުވާ ފަހަރު ހާސްކަންމަތީ ހުރެގެން ކުރެވޭ ބައެއް ކަންކަމަކީ ހާސްކަން އިތުރަށް ބޮޑުވާ ކަންކަމެވެ. ހާސްވެފައި ހުރި ވަގުތެއް ނަމަ ފުރަތަމަ ރަނގަޅު ގޮތަކީ ހާސްކަން ފިލުވާލުމެވެ. އެހެންނަމަވެސް އަބަދު ހާސްވެ ކަންބޮޑުވާ މީހުން ކަށީގައި ހިފާފައި ހުންނަ ބައެއް ނުރަނގަޅު އާދަތަކެއް އެބަހުއްޓެވެ.
ގިނައިން ކެއުން
މިއީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. ދެރަވުމުން ނުވަތަ ރުޅި އައުމުން ދެވޭނީ ކޮންމެވެސް ކާއެއްޗަކާއި ދިމާއަށެވެ. ހާއްސަކޮށް ތައްޔާރީ ކާނާ، އެނާޖީ ޓްރިކްސް ނުވަތަ އައިސްކްރީމް ފަދަ އެއްޗެހި ބޭނުން ކުރެވެ އެެވެ. އެގޮތަށް ކާއެއްޗެއް ބޭނުން ކުރުމުން ހާސްކަން ފިލާކަމަށް މިފަދަ މީހުން ބުނެ އެވެ. އެހެންނަމަވެސް މިއީ ސިއްހީ ގޮތުންވެސް ގެއްލުން ހުރި ކަމެކެވެ. ހަށިގަނޑު ފަަލަވެ އަބަދު ވަރުބަލިވަގޮތް ދިމާވެދާނެ އެވެ. އަދި އެނާޖީ ޑްރިންސްތައް މާގިނައިން ބޭނުން ކުރުމުން ހަޖަމްކުރާ ނިޒާމަށް ގެއްލުން ލިބެ އެެވެ.
އިދިކީލި ވިސްނުން
ގިނަ ފަހަރަށް މިހެން ވަނީ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ކުޑަވުމުނެވެ. ދަތި ވަގުތެއްގައި ތިމާގެ ރައްޓެހިން އާއިލާ މީހުން ދޭ ހިޔާލަށް ނުވަތަ ނަސޭހަތަށް ތާއިދު ނުކުރެވޭ ގޮތް ދިމާވަނީ ތިމާއަށް އެކަމެއް ނުވާނޭ ހިތަށްއަރާފަ އެވެ. މިހެން ވުމުން އެެކަމެއްގައި ތިމާއަށް ލިބޭ ފައިދާއަށް ވުރެ ބޮޑަށް ލިބިދާނެ ގެއްލުމަކަށް ވިސްނޭތަން އާދެ އެވެ. ނުވަތަ ކުރިން ދިމާވެފައިވާ ހާދިސާއަކާއި މިހާރުގެ ހާލަތު ގުޅުވޭ ތަން އާދެ އެވެ. އެހެންނަމަވެސް ހާލަތު ބަދަލު ކުރުމަށް މަސައްކަތްކުރުމުގެ ބާރު އޮތީ ތިމާގެ އަތުގަ އެވެ.
އެހެން މީހުންނަށް އިތުބާރު ނުކުރުން
އެކަކަށްޓަކައި އޮތް އިތުބާރު ގެއްލިއްޖެ ނަމަ ދެން ތިބޭ މީހުންނަށް ވެސް އިތުބާރު ގެއްލޭ ގޮތްވެ އެވެ. އެހެން ވުމުގެ ސަބަބުން ދިމާވާ ކަންކަން އެެހެން މީހުންނާ ހިއްސާކޮށް ހިޔާލު ހޯދުމުގެ ބަދަލުގައި ސިއްރުކުރެވޭ ތަން އާދެ އެވެ. ތިމާގެ ހާލަތު އެހެންމީހުންނަށް "އަންޑަސްޓޭންޓް" ނުވާނެ ކަމަށް ހީކޮށް އިހްސާސްތައް ހިއްސާނުކޮށް ފޮރުވުމަކުން އަދި މައްސަލައިގެ ހައްލެއް ނުލިބޭނެ އެވެ.