ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އާލިއާ ބަޓާއި ރަންބީރު ކަޕޫރަށް އަލަތު ދަރިފުޅު ލިބިފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.

އެ ދެ ފަންނާނުންނަށް އަންހެން ކުއްޖެއް ލިބިފައިވާއިރު މައިންބަފައިންގެ ރޯލު އެންމެ ފުރިހަމައަށް އަދާކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އާލިއާ އާއި ރަންބީރުގެ އަންހެން ދަރިފުޅަށް ކިޔާނަމެއް އަދި ފޮޓޯއެއް ވެސް ހިއްސާކޮށްފައިނުވާއިރު އާލިއާ މިވަނީ އެމީހުންގެ ދަރިފުޅު ތަރުބިއްޔަތުކުރަން ބޭނުންވާ ގޮތާ ގުޅޭގޮތުން މީޑިއާގައި ވާހަކަ ދައްކާފަ އެވެ.

އާލިއާ ވިހެއުމަށްފަހު ފުރަތަމަ ފަހަރަށް މީޑިއާއަށް ދިން އިއްޓަވިއުގައި އޭނާ ބުނެފައިވަނީ ރައްޓެހިންނާއި އާއިލާގެ މީހުންނާއި އަދި ރަންބީރާ ވެސް ދަރިފުޅު ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާ ކަމަށެވެ.

އާލިއާ ބުނާ ގޮތުގައި އޭނާ ދަރިފުޅުގެ ކަންކަން އާންމުނުކުރަން އިހްތިޔާރު ކުރި ނަމަވެސް ފަހަރެއްގައި އޭނާގެ ދަރިފުޅު އެކަން ބޭނުން ނުވެދާނެ އެވެ.

"އެހެންވީމަ އެއީ އަހަންނަށް ވަރަށް ރައްކާތެރި ކަމަށް ހީވާ ކަމެއް،" އާލިއާ ބުންޏެވެ.

އާލިއާގެ ދަރިފިޅު އެކްޓުކުރަން ބޭނުން ވެއްޖެނަމަ ކިހިނެތްތޯ ހަދާނީ ސުވާލުކުރުމުން އާލިއާ ބުނެފައިވަނީ ދަރިފުޅު އެފަދަކަމެއް ކުރަން ބޭނުންވެގެން ދުރާލާ ތައްޔާރަށް ހުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

"ދަރިފުޅުގެ މުސްތަގުބަލުގައި ކުރާނެކަމަކާމެދު ހިޔާލު ގެންގުޅެން ބޭނުމެއް ނޫން،" އާލިއާ ބުންޏެވެ.

އާލިއާ ބުނީ ދަރިފުޅު ވަކިކަމެއް ކުރުވަން އެއްވެސް ފޯރިއެއް ބާއްވަން ނުވަތަ އެއްވެސް މާޔޫސްކަމަކާ ކުރިމަތިލާން ބޭނުން ނުވާ ކަމަށާއި އެހެންކަމުން، "އެޖާގަ ހުސްކޮށް" ބޭއްވުން ބުއްދިވެރި ކަމަށެވެ.

އާލިއާ ބަޓް

މި އަހަރު ގެ އޭޕްރީލް 14 ގައި ރަންބީރް ކަޕޫރާއި އާލިއާ ކައިވެނިކުރީ ރައްޓެހި ވެގެން އުޅޭތާ އަހަރުތަކެއް ފަހުން ނެވެ. މި މަހުގެ ހަ ވަނަ ދުވަހު އާލިއާ ވިހެއީ އަންހެން ކުއްޖެކެވެ.

ބޮލީވުޑް ގެ މަޝްހޫރު އަދި ނުފޫޒު ގަދަ ދެ އާއިލާ އަށް ނިސްބަތްވާ މި ދެތަރިން އެކުގައި އެންމެ ފަހުން ލީޑް ރޯލް ކުޅެފައިވާ ފިލްމަކީ "ބްރަހްމަސްތަރާ-1" އެވެ.