ދިވެހި ބަހުގެ އެކަޑެމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީގެ ބަރަހަނާ ފޮޓޯއެއް ކަމަށް ބުނެ ލީކްކޮށްލާފައިވާ ފޮޓޯގެ މައްސަލަ ބަލާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ހޯމް މިނިސްޓަރުގެ ނައިބު ކަމުގެ މަގާމަށް އަލަށް އައްޔަންކުރި އަޝްރަފްގެ ބަރަހަނާ ފޮޓޯއެއް ކަމަށް ބުނެ ފޮޓޯ ސޯޝަލްމީޑިއާގައި އާންމުކޮށްފައިވަނީ ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ސާބިތުވެފައިވާ އެމްޑީ އަލަމްގީރް ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުންނެވެ. އަދި އެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި އާންމުކުރީ އިއްްޔެގެ ވަގުތެއްގަ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން، އެ އެއޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ދައުލަތުގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގެ ކުރިން އެ ބޭފުޅެއްގެ ކުށުގެ ރިކޯޑެއް އޮތްތޯ ބަލާ ކަމަށެވެ. އަދި މައްސަލައެއް އޮތް ކަން ހާމަވާނަމަ، އެ މަގާމަކަށް އެ ބޭފުޅަކު އައްޔަން ނުކުރާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތި ވިދާޅުވާ ހާލަތެއް އުޅޭކަމަށްވާނަމަ އެކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލާނެ، އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން އަޝްރަފް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އަދި އެއީ އޭނާ ނޫން ކަމަށާއި، އެއީ ފޭކު ފޮޓޯތަކެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.