ދޯހާ (25 ނޮވެމްބަރު) – ފޯވަޑް ރިޗާލިސަން ޖެހި ދެ ލަނޑާއެކު ފީފާ ވޯލްޑް ކަޕްގައި ރޭ ސާބިއާ އަތުން މުބާރާތުގެ ފޭވަރިޓް ބްރެޒިލް 2-0 އިން މޮޅުވި ނަމަވެސް، އެ ޓީމުގެ ތަރި ނޭމާ އަށް އަނިޔާވުމުގެ ހިޔަނި ވަނީ މި ނަތީޖާއަށް އެޅިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސާބިއާގެ ޑިފެންސް ފޫއަޅުވާލަން ބްރެޒިލް އަށް އުނދަގޫވި ނަމަވެސް، ދެވަނަ ހާފުގައި ބްރެޒިލް ވަނީ ކުޅުން ރަނގަޅުކޮށްފަ 7އެވެ.
މެޗުގެ 62 ވަނަ މިނިޓުގައި ރިޗާލިސަން ބްރެޒިލް އަށް ލީޑު ހޯދައިދިނީ ވިނީޝިއަސް ޖޫނިއާ ފޮނުވާލި ޝޮޓެއްގެ ރީބައުންސަށް އަރައިގެނެވެ.
މެޗުގެ 73 ވަނަ މިނިޓުގައި ވިނީޝިއަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި، ރިޗާލިސަން ޖެހި ލަނޑަކީ މި އަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނުނު އެންމެ ރީތި ލަނޑެވެ.
ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވިޔަސް ބްރެޒިލް އަށް ނުތަނަވަސްކަމެއް ކުރިމަތިވީ ނޭމާ އަށް އަނިޔާވުމެވެ. ނޭމާގެ ކުޑަކަޅުވާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން، މެޗުގެ 80 ވަނަ މިނިޓުގައި އޭނާ ވަނީ ބާލައިފަ އެވެ.
ބްރެޒިލް ޓީމުގެ ޑޮކްޓަރު ބުނީ ނޭމާގެ އަނިޔާއާ ގުޅޭ ގޮތުން އެއްޗެއް ބުނާނީ ކުރިއަށް އޮތް 48 ގަޑިއިރަށް އޭނާގެ ހާލަތު ބެލުމަށް ފަހު ކަމަށެވެ.
މީގެ ކުރިން ވެސް ވޯލްޑް ކަޕް ނޭމާ އަށް އަނިޔާގެ މައްސަލަތައް ދިމާވިއެވެ. އެކަމަކު ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ނޭމާ ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމަށެވެ.