ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔަން އާއި ކްރިތީ ސަނޮން ލީޑު ރޯލު ކުޅޭ ފިލްމު "ޝެހެޒާދާ" ޓްރެއިލާ ދައްކާލައިފި އެވެ.

ކުރިން މިމަހު ރިލީޒްކުރުމަށް ނިންމާފައިވާ މި ފިލްމު މިހާރު ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ދިހަ ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓްކުރާ "ޝެހެޒާދާ" ޓްރެއިލާ އާންމުންނަށް ދޫކޮށްލާފައި ވަނީ ކާތިކްގެ 32 ވަނަ އުފަން ދުވަހާ ގުޅިގެންނެވެ.

މިފިލްމަކީ ރޯހިތުގެ ތިން ވަނަ ޑައިރެކްޝަން އެވެ. އަދި ކާތިކް އާއި ކްރިތީ އެކުގައި ފެނިގެންދާނެ ދެ ވަނަ ފިލްމެވެ.

"ޝެހެޒާދާ" ޓްރެއިލާއަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ. ޓްރެއިލާ ނެރުނުތާ ތިން ދުވަސްވެފައިވާއިރު 13 މިލިއަން މީހުން ބަލާފަ އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ "ޝެހެޒާދާ" އަކީ މިދިޔަ އަހަރުގެ ތެލެގޫ ބޮޑު ހިޓް "ޕުޝްޕާ" ގެ ބަތަލު އައްލޫ އަރުޖުންގެ 2020 ވަނަ އަހަރު ދެއްކި ކާމިޔާބު އެކްޝަން ފިލްމު "އަލާ ވައިކުންތަޕުއްރަމުލޫ" ގެ ރިމޭކެކެވެ.

ކާތިކާ އާރިޔާން އާއި ކްރިތީގެ އިތުރުން މިފިލުމުގައި ދެން ފެނިގެންދާނީ މަނީޝާ ކޮއިރަލާ އާއި ޕަރޭޝް ރާވަލް އަދި ރޯނިތު ރޯއި ވެސް ހިމެނެ އެވެ.

މި އަހަރު ބޮލީވުޑް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ބޫލް ބުލައްޔާ 2"ގެ ބަތަލުގެ ކާތިކްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 2 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ރިލީޒްކުރަން ނިންމާފައިވާ ތުރިލާ ފިލްމު "ފްރެޑީ" އެވެ.