ވޮޝިންޓަން (26 ނޮވެމްބަރު) - އެމެރިކާގެ ގާނޫނު ހަދާ އިދާރާ ކެޕިޓޯލްގައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކުރުމަކީ އެ ކުންފުނިން ހެދި ގޯހެއް ކަމަށް ޓުވިޓާގެ މިހާރުގެ ވެރިޔާ އިލަން މަސްކް ވިދާޅުވެއްޖެ އެވެ.

އިލަން މަސްކް މިހެން ބުނެފައި ވަނީ މިދިޔަ ހަފްތާގައި ޓްވިޓާގެ ހިއްސާދާރުންގެ މެދުގައި ނެގި ވޯޓަކުން ހަނި ކާމިޔާބެއް ހޯދައި ޓްރަމްޕްގެ ޓްވިޓާ އެކައުންޓް އަލުން އެކްޓިވޭޓް ކުރެވިފައި ވަނިކޮށެވެ. އެހެން ނަމަވެސް ޓްރަމްޕް ވަނީ އަލުން އަނބުރާ ޓްވިޓާއާ ގުޅެން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

"ޓްރަމްޕް ޓްވިޓާ ބޭނުން ކުރުމާއި ނުކުރުން އެއީ އެހެން ކަމެއް. އަހަރުމެން ބޭނުންވީ ޓްވިޓާއިން ޓްރަމްޕް ބޭރުކޮށް ކުންފުނިން ހެދި ގޯސް ރަނގަޅު ކުރުން،" އިލަން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

އިލަން މަސްކް އިތުރަށް ވިދާޅުވީ ޓްވިޓާގައި އަނިޔާވެރިކަމާއި ހަމަނުޖެހުން ޕްރޮމޯޓް ކުރަން ކުރިއަށް އޮތް ތަނުގައި ވެސް ޖާގަ ނުދޭނެ ކަމަށެވެ. އަދި ކެޕިޓޯލްގައި ހިނގި ހަމަނުޖެހުންތަކުގައި ޓްރަމްޕް ޓްވިޓާގެ ގަވާއިދުތަކާ ހިލާފުވެފައި ނުވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކެޕިޓޯލްގައި ހިނގި ހަމަނުޖެހުންތަކަކީ ޓްރަމްޕްއަށް ތާއީދުކުރާ ފަރާތްތަކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަމަނުޖެހުންތަކެކެވެ.

އޭރު ޓްވިޓާއިން ޓްރަމްޕް ބޭރުކުރީ ހަމަނުޖެހުންތަކަށް އިތުރު ހިތްވަރުދޭނެ ކަމަށް ބުނެ އެވެ.