ރ.ދުވާފަރު ކައުންސިލުގެ ހުރިހާ މެންބަރުން ސަސްޕެންޑުކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ ނިންމައިފި އެވެ.
ދުވާފަރުގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކުރީ ކައުންސިލަރުންނާއި ދުވާފަރު ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކަކާ ގުޅިގެންނެވެ.
ކައުންސިލުގެ ހަ މެންބަރުން ސަސްޕެންޑުކުރުމަށްފަހު ކައުންސިލު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހާއެވެ. ނަމަވެސް ނާސިހަކީ ވެސް ހިޔާނާތުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅެކެވެ.
މިހިޔާނާތް ފާހަގަކުރެވުނީ ދުވާފަރު ކައުންސިލްގެ މޮނިޓަރިން ރިޕޯޓަކުންނެވެ. މިމައްސަލައިގެ ތަހުގީގަށްފަހު ޑިއުޓީ ޕްރޮސިކިއުޝަންގައި މަޝްވަރާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލް އަށް ވަނީ މައްސަލަ ވެސް ފޮނުވާފަ އެވެ.
ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ މި މުއާމަލާތްތަކާއި ގުޅިގެން މި މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް އުސޫލުތަކާއި ހިލާފަށް ހިންގާފައިވާކަން ފާހަގަކުރެވުނު ކަމަށް އޭސީސީ އިން ވަނީ ބުނެފަ އެވެ.
މިއަހަރުގެ އޮގަސްޓް މަހުގެ 25 އިން ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހާއި ހަމައަށް އޭސީސީގެ ޓީމަކުން ވަނީ ދުވާފަރުގައި ހަރަކާތްތެރިވެފަ އެވެ. ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގު ވަނީ ނިންމާފަ އެވެ.
ދުވާފަރު ކައުންސިލްގެ ދެ މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ ފެންމަތި ކުރީ ދުވާފަރު ކައުންސިލުން ހަރަދުކުރުމުގައި އަމަލުކުރި ގޮތް ބެލުމަށް އެލްޖީއޭ އިން ކުރި މަސައްކަތްތަކަކަށްފަހު އެކުލަވާލި ހާއްސަ މޮނީޓަރިން ރިޕޯޓުގަ އެވެ.
މި ރިޕޯޓްގައިވާ ގޮތުން ދުވާފަރު ކައުންސިލުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތް ހިންގާފައިވެ އެވެ. އަދި އެ ފައިސާ ބައެއް ކައުންސިލަރުންނާއި ބައެއް މުވައްޒަފުންނާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައެއް މެންބަރުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވެ އެވެ. މީގެތެރޭގައި ޒަކާތު ފައިސާގެ ގޮތުގައި ބަހަންޖެހޭ ހަތަރު ލައްކައެއްހާ ރުފިޔާ ވެސް ހިމެނެ އެވެ. އެކަމަކު ޒަކާތު ފައިސާ ލިބެންޖެހޭ ދުވާފަރުގެ ރައްޔިތުންނަށް އެ ފައިސާ ބަރާބަރަށް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
އެލްޖީއޭގެ ރިޕޯޓްގައިވާ ގޮތުން ދުވާފަރު ކައުންސިލަރުންނާއި މާލީ ހިސާބުތައް ބެލެހެއްޓުމާ ގުޅޭ މުވައްޒަފުން ވަނީ ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލުކޮށްފަ އެވެ. އަދި މާލީ ހަރަދުތަކުގެ ލިޔެކިޔުންތައް ބަލަހައްޓަން ޖެހޭ ގޮތަށް އެކަންވެސް ކޮށްފައި ނުވާ ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.