އީރާނުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ރިވޮލޫޝަަނަރީ ގާޑްސް (ގުދުސް ފޯސް) އިން ބުނެފި އެވެ.

ގުދުސް ފޯސް އެއިރޯސްޕޭސް ޑިވިޒަންގެ އިސް ވެރިޔާ ބްރިގޭޑިއާ ޖެނެރަލް އަމިރާލީ ހަޖެޒާދާ ވަނީ މަހްސާ އަމީނީގެ މަރުން މުޅި ގައުމަށް އަސަރުކޮށްފައިވާ ކަމަށާއި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން މިހާތަނަށް 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުުރުން ވެސް މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ އޮފިސަރުންނާއި މުޒާހަރާތަކުގެ ބައިވެރިންނާ ކުރިމަތިލި ހަނގުރާމަވެރިން ވެސް ހިމެނޭ ކަމަށް އަމުރާލީ ވިދާޅުވި އެވެ.

ގުދުސް ފޯސްއިން އެންމެ ފަހުން މި ހާމަކުރި ތަފާސް ހިސާބުތަކަކީ އީރާނުގައި މިހާރު ހނގަމުން އަންނަ ހަމަނުޖެހުންތަކުގައި މަރުވި ކަމަށް އޮސްލޯގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ލަފާކޮށްފައިވާ އަދަދާ ގާތްކުރާ އަދަދެކެވެ. އެޖަމާއަތުން ވަނީ ހަމަނުޖެހުންތަކުގައި 416 މީހުން މަރުވެފައިވާ ކަމަށް ލަފާ ކޮށްފަ އެވެ.

އީރާނުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކަކީ ހެދުން އެޅުމުގެ އަދަބުތަކާ ޚިލާފުވެގެން ކަމަށް ބުނެ ފުލުހުން ހައްޔަރުކުރި މަހްސާ އަމީނީ ހައްޔަރުގައި ހުއްޓާ މަރުވުމުން ފެށުނު ހަމަނުޖެހުންތެކެކެވެ.