ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބަސަޑަރުގެ މަގާމުގައި ހުންނެވި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑުބޭބެ ވިދާޅުވާ ހައްސާން ވަހީދުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރިސޯޓު ހަދަން ތިން ރަށެއް ދޫކުރި މައްސަލައިގައި އޭނާ ސަރުކާރުގެ މަގާމުން ވަކިކޮށްފި އެވެ.

ހައްސާން މަގާމުން ވަކިކުރައްވާފައި މިވަނީ ރައީސް މުއިއްޒު، ހައްސާން މެދުވެރިކުރައްވައި އިންޑިއާގެ ކުންފުންޏަކާ ގުޅިގެން ތިން ރިސޯޓު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަވާކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އިންޑިއާގެ ވިޔަފާރިވެރިންނާއި ހައްސާންގެ ހިއްސާ އޮންނަ 'އަޔަތާނާއީޕް ހޮސްޕިޓާލިޓީސް ޕްރައިވެޓް ލިމިޓެޑް'އަށް ދޫކޮށްފައި ވަނީ ތ. އަތޮޅު ވަންދޫ އާއި އޮމަދޫއާ ދެމެދު އެ ފަޅުގައި އޮންނަ ފުށި، ކަނި އަދި ވަންބަނދި އެވެ. އެ ތިން ރަށް އެ ކުންފުންޏަށް ދޫކޮށްފައިވަނީ 864،000 ޑޮލަރަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ މެދު ސުވާލުކުރުމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މައުލޫމާތު ލިބިވަޑައިގަތުމުން ހައްސާނާ ސުވާލުކުރެއްވުމުން އެއީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެއީ އެމަނިކުފާނާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުގެ މަގާމެއްގައި ހުރެގެން އެފަދަ ކަމެއް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވާތީ އޭނާ ވަޒީފާއިން ވަކިކުރައްވާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.