(16 ޑިސެމްބަރު) - ހުކުރު ދުވަހު ނައިޖީރިއާގެ ހުޅަނގު އުތުރު ސަރަހައްދެއް ކަމަށްވާ ކަޓްސިނާގެ ސްކޫލަކަށް ބަޑި ހިފައިގެން ވަދެ 300 އަށް ވުރެ ގިނަ ފިރިހެން ކުދިން ވަގަށް ނެގި މައްސަލައިގައި ނައިޖީރިއާގެ ގިނަ ސްޓޭޓްތަކުގެ ސްކޫލްތައް ބަންދުކޮށްފި އެވެ.

މި ހަމަލާ ދިންކަމަށް ނައިޖީރިއާގައި އިރުއުތުރުގައި އަމިއްލަ ދައުލަތެއް ގާއިމްކުރުމަށް 2009 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރާ ހަތިޔާރު އެޅި ޖަމައަތް ބޯކޯ ހަރާމް އިން ވަނީ ބުނެފަ އެވެ.

ނައިޖީރިއާގެ ޓީޗަރުންގެ ޔޫނިއަނުން ވަނީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލާފަ އެވެ. އަދި މިކަންކަން ހައްލު ނުކުރެވޭނަމަ މުޅި ގައުމުގައި މުޒާހަރާކުރާނެ ކަމުގެ އިންޒާރުދީފަ އެވެ.

ޔޫނިއަނުން ބުނީ ޓީޗަރުންނާއި، ދަރިވަރުންނަށް މި ފަދަ ހަމަލާތައް އަމާޒުވުން ގިނަ ވެފައިވާ ކަމަށާއި، އެކަމަކު ސަރުކާރުން މިކަންތަކަށް އެދެވޭ ހައްލެއް ހޯދުމަށް ނުކުޅެދިފައިވާ ކަމަށެވެ. އަދި ޗިބޮކް ސަރަހައްދުން 2014 ވަނަ އަހަރު ވަގަށް ނެގި 300 އަންހެން ކުދިންގެ ތެރެއިން އަދިވެސް ބައެއް ކުދިންނަށް ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށް ވެސް އެ ޔުނިއަނުން ބުންޏެވެ.

ކަޓްސިނާ ސްޓޭޓްގެ ގަވަރުނަރު އަމިނޫ ބެލޯ މަސަރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަގަށް ނެގި ކުދިން ސަލާމަތުން ގެނައުމަށް ވާހަކަ ދެކެވަމުން ދާކަމަށެވެ.

ސެކިއުރިޓީ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ ހުކުރު ދުވަހު ހަމަލާ ދީފައިވަނީ ހަތިޔާރު އެޅި ތިން ގުރޫޕަކުން ކަމަށެވެ. މި މީހުންނަކީ ބޯކޯ ހަރާމް އާއި ގުޅުން އޮންނަ ގުރޫޕްތަކެކެވެ. ވަގަށް ނެގި ކުދިން ވަނީ މި ގުރޫޕްތަކުގެ މެދުގައި ބަހާފައި ކަމަށާއި، ބައެއް ކުދިން މިހާރު މި ސްޓޭޓާއި ޖެހިގެން އޮތް ޒަމްފަރާ ސްޓޭޓަށް ގެންގޮސްފައިވާ ކަމަށެވެ. – ބީބީސީ