ފުރަތަމަ ފަހަރަށް ދިވެހި ރުފިޔާގެ ނިޝާން ހިމަނައިގެން ޗާޕްކޮށްފައިވާ 50 ރުފިޔާގެ އައު ނޫޓުތައް ބާޒާރަށް ނެރި ބޭނުން ކުރަން ފަށައިފި އެވެ.

އެމްއެމްއޭއިން އަލަށް ޗާޕުކޮށްގެން ނެރުނު 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެ އެވެ. މިގޮތަށް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައި ވާނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކު އެވެ.

މި ނޫޓުގައި ސޮއި ކުރައްވާފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ކަމުގަ އެވެ. އަދި ނޫޓުގެ ތާރީހެއް ކަމުގައި ބަޔާންކޮށްފައިވަނީ 8 ސެޕްޓެންބަރު 2022، 12 ސަފަރު 1444 ކަމުގަ އެވެ.

50 ރުފިޔާގެ އާ ނޫޓާއި އެކު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓު ވެސް ދައުރުވަމުން ދާނެ ކަމުގައި އެމްއެމްއޭ އިން ބުންޏެވެ.

ދިވެހި ރުފިޔާގައި ބޭނުންކުރާނެ ނިޝާނެއް އެމްއެމްއޭއިން ކަނޑައަޅާފައިވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގަ އެވެ.