މިހާރު ކުރިއަށް ގެންދާ ވޯލްޑް ކަޕްގެ މެޗު ބައްލަވާލެއްވުމަށް މިމަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަތަރަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް މެޗެއް ބައްލަވާލެއްވުމަށް އެގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލްސާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

ރައީސް ސޯލިހު ގަތަރަށް ވަޑައިގަންނަވާނެ ސީދާ ދުވަހެއް ނުވަތަ ބައްލަވާލައްވާނެ މެޗެއް މިއުވާން ވިދާޅެއް ނުވެ އެވެ. ނަމަވެސް އެމަނިކުފާނު ވަޑައިގަންނަވާނީ ފައިނަލް މެޗު ނުވަތަ ސެމީ ފައިނަލް މެޗެއް ބައްލަވާލެއްވުމަށް ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

މި އަހަރުގެ ވޯލްޑްކަޕް ފެށީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގަ އެވެ. މިހާރު ކުރިއަށްދަނީ ގްރޫޕްސްޓޭޖް މެޗުތަކެވެ. ވޯލްޑްކަޕްގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ވޯލްޑް ކަޕްގެ މުބާރާތް ފެށުމާ ގުޅިގެން ރައީސް ފޮނުއްވި ތަހުނިޔާގައި ވިދާޅުވީ މުސްލިމް ގައުމެއްގައި ވޯލްޑް ކަޕް ބާއްވާތީ އުފާފުޅު ކުރައްވާ ކަމަށާއި އެ މުބާރާތް ބޭއްވުމުގައި ގަތަރަށް ކުރިމަތިވި ގޮންޖެހުންތަކާއި ހިކުމަތްތެރިކަމާ އެކު ކުރިމަތިލީތަން ފެނުމުން ހިތްވަރު ލިބޭ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި އެ މުބާރާތް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ގަތަރުގެ އުރީދޫން ވަނީ ވޯލްޑް ކަޕުގެ މެޗެއް ބައްލާލެއްވުމަށް ގަތަރަށް ވަޑައިގަތުމަށް ރައީސަށް ކުރިން ދައުވަތު ދީފަ އެވެ.

މިއީ ރައީސް ސޯލިހު ގަތަރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައިވެސް އެމަނިކުފާނު ވަނީ ގަތަރަށް ވަޑައިގެންފަ އެވެ.