އުތުރު އިންޑިއާގެ ހިމާލަޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެއަށް ވެސް ކޮށް، މާލެ ސަރަހައްދުގެ ޖައްވު ނުސާފުވެއްޖެ އެވެ.

އާއްމުކޮށް ހޭޒްގެ އަސަރު މި ދުވަސްވަރު ރާއްޖެއަށް ބޮޑަށް ކުރަނީ އިރުވައި މޫސުމުގެ އުތުރު ހަޅައިގެ ވަޔާ އެކުގަ އެވެ. މި ދުވަސްވަރު ޖައްވު ނުސާފުވެފައި ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމުންނެވެ. އެ ދުން ގިނަވެ، ފުސްވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ވަނީ ވަރަށް ބޮޑަށް ދަށްވެ އެވެ. އަދި އޭގެ ސަބަބުން ދުރުން ރަށްތައް ނުފެންނާތީ ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫތަކަކާ ކުރިމަތިވެފައިވެ އެވެ.

މެޓް އޮފީހުގެ އިންޒާރުގެ ނޯޓިސްއެއްގައި މިއަދު ބުނީ ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމުގައި އިންޑިއާގެ އުތުރުގައި ވައި ތަޣައްޔަރުވުމުގެ ސަބަބުން ރާއްޖެއަށް ހިރަފުސްގެ އަސަރުކުރާ ކަމަށެވެ. މި އަހަރު ވެސް މި ދުވަސްވަރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގެ ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށް ބުންޏެވެ.

"މިކަން ބޮޑަށް ފާހަގަކުރެވެނީ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ،" މެޓް އޮފީހުގެ ނޯޓިސްގައި އެވެ.

މެޓުން ބުނާ ގޮތުގައި، މިކަން އާންމުކޮށް ފާހަގަކުރެވެނީ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ.

ވައި ނުސާފުވުމާ ގުޅިގެން މެޓް އޮފީހުން އިލްތިމާސްކުރި ގޮތުގައި ހިރަފުހުގެ ސަބަބުން ނޭވާލާ ނިޒާމުުގެ މައްސަލަތައް ހުންނަ މީހުންނަށް އުނދަގޫވުން ގާތެވެ. އަދި ވާރޭ ފެން ރައްކާކުރުމާއި ބޭނުންކުރުމުގައި އިތުރަށް ސަމާލުވުން މުހިންމު ކަމަށް ވެސް ބުނެފައިވެ އެވެ.

ދުމާއި ހިރަފުހުގެ ސަބަބުން މާލެ ސަރަހައްދުގެ ޖައްވު ނުސާފުވެފައި. ފޮޓޯ | ހުރިހާ

ހޭޒްގެ އަސަރުކުރަނީ ވައި ތަޣައްޔަރުވުމުގެ ސަބަބުން ކަމަށް ވިޔަސް، މެޓް އޮފީހުން މިވަގުތު ވައިގެ ނުސާފުކަން ޓެސްޓެއް ނުކުރެ އެވެ. އެ މަސައްކަތްކުރަނީ އީޕީއޭ އިންނެވެ. މިކަމާގުޅޭ ގޮތުން އެ އީޕީއޭގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ރާއްޖޭގެ ވައިނުސާފުވުމާ ގުޅިގެން ސިއްހީ ކަންކަމާ ބެހޭ އިދާރާއަކުން އަދި އެއްވެސް އިލްތިމާސެއްކޮށްފައި ނުވިޔަސް، ވައިގެ ކޮލެޓީ ދެނެގަންނަ ބައެއް އެޕްތަކުން ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެއިވާ ކަމަށް ދައްކާތީ ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވައިގެ ކޮލެޓީ ދެނެގަންނަން މަޝްހޫރު އެޕެއް ކަމަށްވާ "އައިކިއުއެއާ" އިން ދައްކާގޮތުގައި، މާލޭގެ މިއަދު އެއާ ކޮލެޓީ އިންޑެކްސް ހުރީ 100-150އާ ދެމެދުގަ އެވެ. އެހެންވެ މާލެއަށް އޮތީ އޮރެންޖު އެލާޓް ދީފަ އެވެ. އޭގެ މާނައަކީ ނޭވާލުމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑުވެފައިވާ ކަމެވެ.

މިދިޔަ ހައެއްކަ އަހަރު ވެސް މިދުވަސްވަރު މި ސަރަހައްދުގެ ޖައްވު ނުސާފުވުމުގެ މައްސަލަ ދިމާވެފައިވެ އެވެ.