ރާއްޖޭގައި މި ދުވަސްވަރު ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތައް އިތުރުވަމުން އަންނާތީ، އާންމު ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އެޖެންސީން ސޯޝަލް މީޑއާގައި ހިއްސާކުރި އިރުޝާދުތަކުގައި ވާގޮތުން، މިފަދަ އަލާމާތެއް ފެނިއްޖެނަމަ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ލޮނުޕެކެޓާއި ސޫޕް ފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރުން މުހިންމެވެ. އަދި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދީ، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފާހާނާ ބޭނުންކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި ސެނިޓައިޒާ ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ. މީގެއިތުރުން، ބަލިން ފަސޭހަވުމަށްފަހު ވެސް އިތުރު އެއް ދުވަހު ގޭގައި މަޑުކުރުމަށް އެޗްޕީއޭއިން އެދެ އެވެ.
ބޭރަށް ހިންގުމާއެކު ހޮޑުލެވި، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ނުބޮވޭނަމަ ނުވަތަ ބޮލަށް އެނބުރުން އަރައި، އާދަޔާ ހިލާފަށް ކަރުހިއްކައި ބަނޑުގައި ރިއްސާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އެދިފަ އެވެ. އަދި ކުޑަކަމުދެވޭ މިންވަރު އާދަޔާ ހިލާފަށް މަދުވުމާއި، ހޮޑުގައި ނުވަތަ ބޮޑުކަމުދާތަކެތީގައި ލޭގެ އަސަރު ހުރިނަމަވެސް އަވަހަށް ސިއްހީ އެހީތެރިކަން ހޯދަންޖެހޭނެ ކަމަށް އެޗްޕީއޭއިން ފާހަގަކުރެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އަޒީ އައްޔަންކުރައްވައިފި
ހައިކޯޓުގެ ފަނޑިޔާރު މާހިރު ރިޓަޔާ ކުރައްވައިފި
އީރާނަށް ހަމަލާދޭނަމަ ރައްދު ވަރުގަދަވާނެ ކަމުގެ އިންޒާރު