ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑަށް ނާޖާއިޒު ފައިދާ ނެންގެވި ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަބްދުއްރަހީމް ދިރިއުޅުއްވާ ރެހެންދި ފްލެޓް ހޯއްދެވި ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެއީ އެމަނިކުފާނުގެ ނަން ބޭނުންކޮށްގެން ވިޔަފާރިވެރިއަކު އަތުން ހުޅުމާލެއިން ބޮޑު ބިމެއް ނަގައިގެން ބަދަލުކުރި ތަނެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މި މައްސަލަ ކުރިއަށް އޮތް ތަނުގައި ބައްލަވާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން، މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު، އެއްވެސް ބިޑަކާ ނުލައި، އަބްދުއްރަހީމަށް ނުއަގުގައި މާލޭ މަސްމާރުކޭޓުގެ މަސްކަނޑާތަން ދީފައިވާ ކަމަށާއި އެއީވެސް ހިންގާފައިވާ ބޮޑު ކޮރަޕްޝަނެއް ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.
ސަރުކާރު ހިންގާ ޕީއެންސީ އިން ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ރައީސް ޔާމީން އަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރައީސް ޔާމީނަށް ނާކާމިޔާބުވެ، ދެވަނަ ދައުރެއް ލިބިވަޑައިނުގެން އެ ވެރިކަން ނިމުނީ އެ މަނިކުފާނުގެ ބޮޑާކަމުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނަށް ވެރިކަން ގެއްލުނު ކަމަށް އަބްދުއްރަހީމް ޖައްސަވާ ހިސާބުން ވެސް ގަބޫލުނުކުރައްވާ ކަމަށާއި، އެއީ ވަގަށް ނަގާފައިވާ އިންތިހާބެއް ކަމަށެވެ. އަދި އެބޭފުޅުން ވާހަކަދައްކަވަނީ ހަމައެކަނި "އަނގަ ވިއްކަން" ކަމަށް ސިފަކުރެއްވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އަބްދުއްރަހީމަކީ ސަރުކާރު ހިންގުމުގެ ތެރޭގައި އުޅުއްވި ބޭފުޅެއް ނޫން ކަމަށާއި، އޭނާ ހުންނެވީ ހަމައެކަނި ޕާޓީގެ ކަންކަން ހިންގެވުމުގައި ކަމަށެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ފަލާހަށް ފާޑުވިދާޅުވަމުން ޔާމީން ސިފަކުރެއްވީ، އޭނާއަކީ ގަދަ ކަނޑަކަށް އެއްލާލާފައިވާ ބޮނބިގަނޑެއް ފަދަ ބޭފުޅެއްގެ ގޮތުގަ އެވެ. އަދި ފަލާހު ހުޝާމަދު ކުރުމުގެ ނަމުގައި ރައީސް މުއިއްޒަށް މަލާމާތްކުރަމުން ދަނީ އެއީ އޭނާގެ ފެންވަރު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ލުއި ލޯނާއި ކްރެޑިޓް ކާޑު ދަރަނި 9.2 ބިލިއަން ރުފިޔާއަށް އަރައިފި
އަމިއްލައަށް އެދިގެން 107 މުވައްޒަފުން ވަކިވެއްޖެ: ފެނަކަ
ޕީއެންއެފްގެ "ފެހި ސިގްނަލް" ޖަލްސާ ސެޕްޓެމްބަރު 10ގައި
މެންބަރުން ތިބީ ބަނދެލާފައި އޮތް ދަރު ބޮނޑިއެއްހެން: އަބްދުރަހީމް