ހަފްތާއެއްގެ ތެރޭގައި ނެޓްފްލިކްސްގެ އެންމެ ގިނަ ބަޔަކު ބަލާ ޝޯއަކަށް "ވެނިޒްޑޭ" ހޯދައިފި އެވެ.

މިދިޔަ ނޮވެންބަރު މަހުގެ 23 ވަނަ ދުވަހު ނެޓްފްލިކްސްއިން ދައްކަން ފަށާފައިވާ "ވެނިޒްޑޭ" އަށް ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަ މީހުން ބެލި ސީރީޒްގެ މަގާމު ލިބިފައިވަނީ "ސްޓްރޭންޖާ ތިންގްސް" ފަހަތަށް ޖައްސާލުމަށްފަހު އެވެ.

ނެޓްފްލިކްސް އިން ބުނީ ރިލީޒް ކުރިތާ ހަފްތާއެއްގެ ތެރޭގައި 83 ގައުމެއްގައި އެންމެ ގިނަބަޔަކު ބަލާ ސީރީސް ލިސްޓުގެ އެއްވަނައިގައި ވެނިސްޑޭ ހިމެނޭ ކަމަށާއި އަދި މިސީރީޒް 341.2 މިލިއަން ގަޑިއިރު ބަލާފައިވާކަމަށެވެ.

ހޮރޯ ކޮމެޑީ/ސުޕަނެޗުރަލް ފިކްޝަން ޖޯންރާގެ މި ސިލްސިލާ ޑައިރެކްޓުކޮށްފައިވަނީ ޓިމް ބާޓަން އެވެ.

އެންމެ ގިނަ ބަޔަކު އެންމެ ގިނަ ވަގުތު ބެލި ސީރީޒް އަކީ އަދިވެސް "ސްޓްރޭންޖާ ތިންގްސް 4" އެވެ. އެ ސިލްސިލާ 28 ދުވަސް ތެރޭ 1.35 ބިލިއަން ގަޑިއިރު ސްޓްރީމު ކޮށްފައިވެ އެވެ.

ނަމަވެސް ރިލީޒް ކުރިތާ ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބެލި ޝޯވްތަކުގެ ލިސްޓުގެ ކުރީގައި އަދިވެސް ހިމެނެނީ 2021 ވަނަ އަހަރު ރިލީޒް ކުރި "ސްކުއިޑް ގޭމްސް" ސީރީޒެވެ.