ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކްރިތީ ސެނޮން، އޭނާގެ ޝަހްސީ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް އެދި ދިއްލީ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މިއާއެކު، ސެލެބްރިޓީންގެ ހައްގުތައް ހިމާޔަތްކުރުމާ ގުޅޭ ގާނޫނީ އުސޫލުތައް އިތުރަށް ދިރާސާ ކުރުމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ކްރިތީގެ ފަރާތުން ހުށަހެޅި މައްސަލަ ބައްލަވަމުން، ދިއްލީ ހައިކޯޓުގެ ޖަސްޓިސް ޕުރުޝައިންދްރަ ކުމާރު ކޯރަވް ވަނީ، ކްރިޓީގެ ގާނޫނީ ވަކީލު ޕްރަވީން އާނަންދު އަރިހުން ޝަހްސީ ހައްގުތަކާ ގުޅޭގޮތުން ނެރެވިފައިވާ ކޯޓު ހުކުމްތަކާއި ދިރާސާ ކަރުދާސްތަކުގެ ތަފްސީލީ މައުލޫމާތު ކޯޓަށް ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ.

ފަހަކަށް އައިސް މިފަދަ މައްސަލަތައް ކޯޓަށް ހުށަހެޅޭ މިންވަރު އިތުރުވަމުންދާތީ، މިއީ ހަމައެކަނި ވަކި ފަރުދެއްގެ މައްސަލައަކަށް ބެލުމުގެ ބަދަލުގައި، ފުޅާ ދާއިރާއެއްގައި ގާނޫނީ ގޮތުން ގޮތްތަކެއް ކަނޑައަޅަންޖެހޭ ކަމެއްގެ ގޮތުގައި ގާޒީ ފާހަގަ ކުރެއްވި އެވެ.

ކްރިތީގެ ވަކީލު އާނަންދު ކޯޓުގައި ބުނެފައިވަނީ މީހެއްގެ ޝަހްސީ ހައްގުތަކުގެ ތެރޭގައި އެ މީހެއްގެ ނަން، އަޑު، މޫނު، ސޫރަ، ފޮޓޯ އަދި ވީޑިއޯ ފަދަ އަމިއްލަ ސިފަތައް ހިމެނޭ ކަމަށެވެ.

އެއާއެކު އެ މީހެއްގެ ހުއްދައާ ނުލައި، ވިޔަފާރީގެ މަންފާއަށް ނުވަތަ އިޝްތިހާރުތަކުގައި އެފަދަ ތަކެތި ބޭނުން ކުރުމަކީ މި ހައްގަށް އަރައިގަތުން ކަމަށް އޭނާ ފާހަގަކުރި އެވެ.

ހާއްސަކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އާއި ޑިޖިޓަލް ވަސީލަތްތައް ކުރިއަރަމުންދާ މި ދުވަސްވަރު، ސެލެބްރިޓީންގެ މޫނާއި އަޑު ބޭނުން ކޮށްގެން "ޑީޕްފޭކް" އުފެއްދުމާއި، ހުއްދައާ ނުލައި ތަކެތި އިޝްތިހާރު ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ކްރިތީގެ އިތުރުން ވެސް ބޮލީވުޑާއި ކުޅިވަރުގެ ދާއިރާގެ ގިނަ މަޝްހޫރު ފަރާތްތަކަކުން ވަނީ އަމިއްލަ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައިކޯޓުގެ އެހީތެރިކަމަށް އެދިފަ އެވެ.

މީގެ ކުރިން ކަންގަނާ ރަނޯޓް، ތާބޫ، ވިޖޭ ދެވަރަކޮންޑާ، ކްރިކެޓް ކުޅުންތެރިޔާ ޔުވްރާޖް ސިންގް އަދި ސިޔާސީ ބޭފުޅެއް ކަމަށްވާ ޝަޝީ ތަރޫރު ފަދަ ބޭފުޅުން ވެސް ވަނީ މިފަދަ މައްސަލަތަކުގައި ކޯޓުގެ އަމުރުތައް ހޯދާފަ އެވެ.

މި މައްސަލައިގެ އިތުރު އަޑުއެހުމެއް އޮކްޓޯބަރު 29 އަށް ވަނީ ތާވަލު ކޮށްފަ އެވެ. ކޯޓުން ބަލަމުންދަނީ މިފަދަ ހައްގުތައް ހިމާޔަތް ކުރުމާއެކު، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ އިމުގެ ތެރެއިން މިކަންކަން މިނެ ކިރުމަށެވެ.