ސިނަމާލެ ބްރިޖު ހައިވޭގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެއްސީ ގަސްދުގައި ކަމަށް ތަހުގީގަށް މިހާތަނަށް ބެލެވޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ނެރުއްވި ބަޔާނެއްގައި ސީޕީ ވިދާޅުވީ ސިނަމާލެ ބްރިޖު ހައިވޭގެ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަން ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެއްސުމުގެ ސަބަބުން އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅުމުގެ ގޮތުން ހިންގި މި ނުރައްކާތެރި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
މި ހާދިސާ ހިނގާފައި ވަނީ ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ފަތިހު 04:30 ވާން ކައިރިވެފައި ވަނިކޮށެވެ.
ސައިކަލުން ޖެއްސުމުގެ ސަބަބުން އަނިޔާވި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް ދަތް ބިނދުމުގެ އިތުރުން ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
ސީޕީ ވިދާޅުވި ގޮތުގައި މި ހާދިސާ ހިންގާފައި ވަނީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ މީހުންނާ ދެކޮޅަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމުގެ މަގުސަދުގަ އެވެ.
މި ހާދިސާ ހިނގި ވަގުތު އެ ސައިކަލުގެ އިތުރުން އިތުރު ތިން ސައިކަލެއް ބައިވެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގީ ގަޑިއަކު 100 ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް ބެރިކޭޑްގައި ޖެހުމަށްފަހު ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހިގެންނެވެ.
މި އަމަލު ހިންގި ސައިކަލު ޓޯކޮށް، އެ ސައިކަލުގައި ތިބި ދެ މީހުންނާއި، މިކަމުގައި ޝާމިލުވާ އިތުރު ދެ މީހަކާއި ސައިކަލެއް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމުގައި ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވި އެވެ.
އަދި މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ފަށާފައިވާ ހާއްސަ އޮޕަރޭޝަން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށާއި، މިފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ގާނޫނީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވި އެވެ.
އެކުގައި ކެއުން: ނަފްސާނީ ދުޅަހެޔޮ ކަމަށް ގިނަ ފައިދާތަކެއް!
ގައުމުން ބޭރުވާން ނޯޓިސް: އިމްރާން އިންޑިއާއިން ޑީޕޯޓް ކޮށްލަނީ؟
ނިދާއިރު ފަންކާ ނިވާލުން މާރަނގަޅު؟
