ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ކޮލެސްޓްރޯލް މައްޗަށް ދިއުމަކީ ހަމައެކަނި ފަލަކޮށް ނުވަތަ ބަރުދަން މަތިކޮށް ތިބޭ މީހުންނަށް ކުރިމަތިވާ މައްސަލަ އެކެވެ.

ނަމަވެސް، ހިކިކޮށް އަދި ބޭރުފުށުން ސިއްހަތު ރަނގަޅުކޮށް ފެންނަން ތިބޭ މީހުންގެ ލޭގައި ވެސް ކޮލެސްޓްރޯލް މަތިވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.

ހިތުގެ ބަލިތަކާ ބެހޭ ހާއްސަ ކާޑިއޮލޮޖިސްޓުން ފާހަގަކުރާ ގޮތުގައި، ބަރުދަނަށް ނުބަލައި ކޮލެސްޓްރޯލް މައްޗަށް ދާން މެދުވެރިވާ މުހިންމު 6 ސަބަބެއްވެ އެވެ:

1. ވާރުތަވާ ޖީންސް

ކޮލެސްޓްރޯލް މައްޗަށް ދިއުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އާއިލީ ގޮތުން ވާރުތަ ކުރުމެވެ. "ފެމިލިއަލް ހައިޕާ ކޮލެސްޓްރޯލީމިއާ" އަކީ ވާރުތަވާ ޖީންސްގެ ސަބަބުން ކޮލެސްޓްރޯލް އުފައްދާ މިންވަރު މަތިކޮށްދޭ ހާލަތެކެވެ. މިފަދަ ހާލަތްތަކުގައި، މީހާ ކިތަންމެ ހިކިކޮށް ހުރިނަމަވެސް އަދި ކެއުން ރަނގަޅުކުރި ނަމަވެސް ކޮލެސްޓްރޯލް މަތިވެ އެވެ.

2. ސިއްހަތަށް ނުރައްކާތެރި ކެއުމުގެ އާދަތައް

މީހާގެ ބަރުދަން އިތުރުނުވި ނަމަވެސް، "ސެޗުރޭޓެޑް ފެޓް" އަދި "ޓްރާންސް ފެޓް" ގިނައިން އެކުލެވޭ ކާނާ ބޭނުން ކުރުމަކީ ނުބައި ކޮލެސްޓްރޯލް މައްޗަށްދާ ކަމެކެވެ. ތެލުލި ކެއުމާއި، ޕްރޮސެސް ކޮށްފައިވާ ކާނާއާއި، ސޮސެޖު ފަދަ ތަކެތި ގިނައިން ކެއުމުން ބަރުދަނަށް ބަދަލު ނުއައިސް ކޮލެސްޓްރޯލް މަތިވެ އެވެ.

3. ކަސްރަތު ނުކުރުން އަދި ހަރަކާތްތެރިކަން ކުޑަވުން

ހިކިކޮށް ތިބޭ މީހުންގެ ތެރެއިން ގިނަ މީހުން ކަސްރަތު ކުރުމަށް ސަމާލުކަމެއް ނުދެ އެވެ. ނަމަވެސް، ދިރިއުޅުމުގައި ހަރަކާތްތެރިކަން ކުޑަވުމަކީ ރަނގަޅު ކޮލެސްޓްރޯލް ދަށްވެ، ނުބައި ކޮލެސްޓްރޯލް އިތުރުވުމަށް މަގުފަހިވާ ކަމެކެވެ.

4. ނަފްސާނީ ނުތަނަވަސްކަން

ދިގުދެމިގެންދާ ގޮތަށް ނަފްސާނީ ނުތަނަވަސްކަމާއި ފިކުރުތަކާ ކުރިމަތިލާން ޖެހުމުން، ހަށިގަނޑުން "ކޯޓިސޯލް" އަދި "އެޑްރެނަލިން" ހޯމޯންތައް އުފައްދާ މިންވަރު އިތުރުވެ އެވެ. މި ހޯމޯންތަކުގެ ސަބަބުން ލޭގެ ތެރެއަށް ކޮލެސްޓްރޯލް އަދި ޓްރައިގްލިސަރައިޑްސް ދޫކުރާ މިންވަރު މަތިވެގެންދެ އެވެ.

5. ސިއްހީ އެހެން މައްސަލަތައް

ބައެއް ސިއްހީ ހާލަތްތަކުގެ ސަބަބުން ވެސް ކޮލެސްޓްރޯލް މަތިވެ އެވެ. މީގެ ތެރޭގައި:

  • ތައިރޮއިޑް ދަށްވުން: ތައިރޮއިޑް ހޯމޯން ދަށްވުމުން ހަށިގަނޑުން ކޮލެސްޓްރޯލް ސާފުކުރުމުގެ މާހައުލު ލަސްވެ އެވެ.
  • ކިޑްނީގެ ބަލިތަކާއި ހަކުރުބަލި: މިފަދަ ބަލިތަކުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމަށް ބަދަލު އައިސް ކޮލެސްޓްރޯލް މަތިވެ އެވެ.

6. ސިނގިރޭޓު ބުއިމާއި އަދި ބައެއް ކަހަލަ ބޭސްތައް

ސިނގިރޭޓު ބުއިމަކީ ރަނގަޅު ކޮލެސްޓްރޯލް ނައްތާލައި، ލޭ ހޮޅިތަކުގައި ކޮލެސްޓްރޯލް ދައުރުވާ މިންވަރު އިތުރުކުރާ ކަމެކެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރަށް ދޭ ބައެއް ބޭސްތަކާއި، ސްޓީރޮއިޑްސް ފަދަ ބޭސްތަކުގެ ސަބަބުން ވެސް ކޮލެސްޓްރޯލް މަތިވެދާނެ އެވެ.

މީހާ ކިތަންމެ ހިކިކޮށް ހުރި ނަމަވެސް، ގަވާއިދުން ލޭގެ ކޮލެސްޓްރޯލް ބެލުމަކީ ހިތުގެ ބަލިތަކުން ރައްކާތެރި ވުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.