ޑެރިއަން ކޮކްރެލް ކުޑައިރު އެއްވެސް ވަރަކަށް ސްކޫލްދެކެ ގަޔާ ނުވެ އެވެ. އުމުރުން 10 އަހަރުގައި ގޭންގަކާ ގުޅުނެވެ.

ނަމަވެސް އޭނާގެ ވަށައިގެންވާ އެޑިއުކޭޓަރުންގެ އެހީއާއެކު ކޮކްރެލް ވަނީ ގޭންގު ދިރިއުޅުމުން އަރައިގަނެ، ޓީޗަރަކަށްވެ އެ ދާއިރާގެ އެންމެ އުހަށް އަރާފަ އެވެ. އަދި މިއަދު އޭނާ އަކީ މިސޫރީގެ އެންމެ މޮޅު ޓީޗަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ދަރިވަރުންގެ މެދުގައި "މިސްޓަ ޑީސީ"ގެ ނަމުން މަޝްހޫރުވެފައިވާ މި ޓީޗަރަށް ވަނީ މިސޫރީ ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަނުން އަހަރުގެ އެންމެ މަޝްހޫރު ޓީޗަރުގެ އެވޯޑް ދީފަ އެވެ.

އެވޯޑާ ހަވާލުވަމުން ދެއްކި ވާހަކާގައި ކޮކްރެލް ވަނީ އޭނާގެ ޅައިރުގެ ހަނދާންތައް އާކޮށްފަ އެވެ.

"އަހަރެން އުފަންވީ ޑްރަގް-އެޑިކްޓް މަންމައަކަށް. މަންމަގެ އުމުރުން 16 އަހަރުގައި ހަ ދަރިން ތިބި. އަހަރެންގެ އުމުރުން ހަތަރު އަހަރުގައި ބައްޕަ ވަނީ މަރާލާފައި. އުމުރުން ހަ އަހަރުން ފެށިގެން އުޅެމުން އައީ ފޮސްޓާ ހޯމް ތަކުގައި،" ކޮކްރެލް ބުނެފައިވެ އެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި މުސްތަގުބަލަކާއި މެދު މާބޮޑަށް އޭރު އުންމީދެއް ނެތެވެ.

ކޮކްރެލްއަށް ހީވެފައި އޮންނަނީ ރައްޓެހިން ފަދައިން އޭނާވެސް މަރުވާނީ ނުވަތަ ޖަލަށް ދާނީ ކަމަށެވެ.

އޭނާ ވަނީ އެ އަނދިރިކަމުން އަރައިގަތުމަށް އޭނާއަށް އެހީތެރިކަން ފޯރުކޮށްދިން ޓީޗަރުންނަށް ފަށްފަށުން ޝުކުރުއަދާކޮށްފަ އެވެ. އަދި ކުދިންގެ ހަޔާތަށް ޕޮޒިޓިވް ނުވަތަ ނެގެޓިވް އިމްޕެކްޓެއް ގެނެއުމުގައި ޓީޗަރުންގެ ދައުރު ބޮޑުކަމަށް ބުނެފައިވެ އެވެ.