ސްޓްރީމިން ޓީވީގެ ހިދުމަތްދޭ ނެޓްފްލިކްސްއިން ގެނެސްދޭ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ ޑޮކިއުމަންޓްރީ ސީރީޒް "ހެރީ އެންޑް މޭގަން" ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ނެޓްފްލިކްސް އަށް ހެރީގެ ދެކަނބަލުންގެ ޑޮކިއުސީރީޒެއް ގެނެސްދެނީ 2020 ގައި އެ ކުންފުންޏާ އެކު ހަދާފައި އޮތް އެއްބަސްވުމުގެ ދަށުންނެވެ.

އެމެރިކާގެ ޑޮކިއުމެންޓްރީ ތަރި ލިޒް ގާބަސް ޑައިރެކްޓްކޮށްފައިވާ މި ސީރީޒްގެ ވާހަކަ ކިޔައިދޭނީ ހަ ބަޔަކަށް ބަހާލައިގެންނެވެ. މިޑޮކިއުމެންޓްރީ އާއި ބެހޭ ގޮތުން ލިޒް ގާބަސް ބުނި ގޮތުގައި ހެރީ އާއި މޭގަންގެ ސީރީޒަކީ ޝައުގުވެރި އެތައް ކަމެއް އަދި އެ ބޭފުޅުންގެ ޒާތީ އެތައް ކަމަށް ވަރަށް ގާތުން ދައްކުވައި ދޭނެ ސީރީޒެއް ކަމަށެވެ.

ޓީޒާ އިން ވެސް ވަނީ "ހެރީ އެންޑް މޭގަން" އަކީ ޝާހީ އިނގިރޭސި އާއިލާގެ ބޭފުޅުންގެ "އާންމު މިންގަނޑާ" ބޭރު އެތައް ކަމެއް، އެތައް، ވާހަކައެއް ތިލަކޮށްދޭނެ އެއްޗެއްކަން ހާމަކޮށް ދީފަ އެވެ. ޓީޒާ އާންމުކުރި ނަމަވެސް މި ޑޮކިއުސީރީޒް ޕްރީމިއާކުރާނެ ތާރީހެއް އަދިވެސް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

https://www.youtube.com/watch?v=t1WJTwy8I7c

ކުރިން ހޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރެއްވި މޭގަން އާއި ހެރީ ކައިވެނި ބައްލަވައިގަތީ 2018 ގަ އެވެ. އެ ކައިވެންޏަށް ދެ ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. ހެރީ އަކީ އިނގިރޭސި ރަސްގެފާނު ޗާލްސްގެ ހަގު ދަރިކަލުންނެވެ. ހެރީ އާއި މޭގަން ޝާހީ ޒިންމާތައް ދޫކޮށްލައްވައި 2020 އިން ފެށިގެން ދިރިއުޅުއްވަނީ އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.