ރައީސް މުހައްމަދު މުއިއްޒުގެ ހިތްޕުޅުގައި ގައުމަށްޓަކައި ކުޑަނަމަވެސް ކުލުނެއް އޮތްނަމަ މިހާރު އިސްތިއުފާ ދެއްވަން ވެއްޖެ ކަމަށާއި، މި ސަރުކާރު ހުރިހާ ދިމާލަކުން ފެއިލްވެފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ އޮފީހުގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު ހިންގުމުގައި ދައްކަމުންދަނީ ވަރަށް ހުތުރު މަންޒަރުތަކެއް ކަމަށާއި، ރައްޔިތުންގެ މެދުގައި ރައީސް މުއިއްޒަށް އެއްވެސް ތާއީދެއް ނެތްކަން އެމަނިކުފާނަށް މިހާރު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިގްތިސާދީ އަދި އިޖުތިމާއީ ސިޔާސަތުތައް ފެއިލްވެ، ރައްޔިތުން އިންތިހާއަށް ހާލުގައި ޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ގައުމުގެ އަސާސީ ހިދުމަތްތައް މިއަދު ވަނީ މުޅިން ހުއްޓުމަކަށް އައިސްފަ އެވެ. އެގޮތުން އާސަންދަ ނިޒާމު ހުސްވެ، ރައްޔިތުންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި ބޭސް ނުލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި، ޑޮލަރުގެ އަގު އަތްނުފޯރާ ފަށަށް އަރައިގެން ގޮސްފައިވާއިރު ރައީސް މުއިއްޒަށް މި މައްސަލަތަކުން އެއްވެސް ކަމެއް ހައްލުކޮށްނުދެވޭ ކަމަށް ވިދާޅުވި އެވެ. އަދި ދާއިރާތަކުގެ ތަރައްގީގެ އެއްވެސް ކަމެއް ނުހިނގާ މަޑުޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ނާގާބިލުކަމަށް ފާޑުވިދާޅުވަމުން ޔާމީން އިތުރަށް ވިދާޅުވީ، ސަރުކާރު ދިފާއުކުރުމަށް އިލްމީ މީހުންނާ ބަހުސެއް ކޮށްލެވޭވަރުގެ އެއްވެސް މީހަކު ސަރުކާރުގައި ނެތް ކަމަށެވެ. އަދި ވާހަކަ ދެއްކުމަށް އިލްމީ ގާބިލު މީހުން ނެރުމުގެ ބަދަލުގައި، ދެތިން "ކެނައިން" ކައިރިކޮށްގެން އުޅުމުން ރައީސް މުއިއްޒު ދާނީ އިތުރަށް ފަލީހަތްވަމުން ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ މޫނުމަތީގައި މިހާރު ތިބީ ތަނެއް ދޮރެއް ނުދަންނަ، ހަމައެކަނި މައިކެއް ފެނުމުން ހަޅޭއްލަވަން އެނގޭ ބައެއް ކަމަށާއި، އެއީ ރައްދު ދޭންޖެހޭ ވަރުގެ ބައެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ސަރުކާރުގެ އެތެރޭގެ ހަމަނުޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އިންގިލާބުގެ ހޫނުގަނޑު އޮތްއިރު، ވަޒީރުންގެ މަޖިލިސް (ކެބިނެޓް) ތެރޭގައިވެސް ބޮޑު އިންގިލާބެއް ހިނގަމުންދާ ކަމަށެވެ.